ހައްޖު ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ގޮސްފައިވާ ހުރިހާ ހައްޖާޖީން މިރޭ މިނާއަށް ފުރާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ޔާމީން އިދުރީސް ވިދާޅުވީ، މިރޭ ސައުދީ ގަޑިން 11:00 ގައި ހުރިހާ ހައްޖުވެރިން މިނާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއި ރާއްޖޭގެ ގަޑިންނަމަ މިރޭ ދަންވަރު 01:00 އެވެ.
ހައްޖު ކޯޕަރޭޝަންގެ ފަރާތުން 700 މީހުން ފުރަތަމަ ހައްޖަށް ގޮސްފައިވާއިރު ފަހުން ލިބުނު ހައްޖު ކޯޓާގެ ދަށުން 322 މީހުންވަނީ ހައްޖަށް ފުރާފަ އެެވެ. މި އެންމެންނާ އެކު ހައްޖު ކޯޕަރޭޝަނުން މިފަހަރު ހައްޖަށް ގޮސްފައި ވަނީ 1022ހައްޖުވެރިންނެވެ.
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގޮސްފައި ތިބި އެންމެންގެ ހާލުވެސް ރަގަޅު ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެ އެވެ.
ހައްޖު ކޯޕަރޭޝަންގެ އިތުރަށް އަމިއްލަ ތިން ގްރޫޕަކުން ވެސް ވަނީ މީހުން ހައްޖަށް ފޮނުވާފަ އެވެ. އެގޮތުން ޒައީ ހައްޖު ގުރޫޕާއި ހަރަމައިން ހައްޖު ގުރޫޕާއި ސިސިލްފަރު ހައްޖު ގުރޫޕް އިން ވެސް މީހުން ހައްޖަށް ފޮނުވާފަ އިވެއެވެ.
މުޅި ޖުމްލަ ހައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް 2000 ކޯޓާ ލިބުނު ނަމަވެސް، އޭގެ ތެރެއިން 1000 ކޯޓާ ލިބިފައިވަނީ ހައްޖަށް ރާއްޖެއިން އާންމުކޮށް މީހުން ފުރާ ދުވަސްވަރަށްވުރެ ހައްޖު ދުވަސް ކައިރިވެފައިވަނިކޮށެވެ. އެކަމުގެ ސަބަބުން އެ 1000 ކޯޓާ ހަމަވާ ވަރަށް މީހުން ހައްޖަށް ގޮސްފައެއް ނުވެއެވެ.