ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 19:02
ދިވެހިރާއްޖޭގެ ހައިކޯޓް: 500 އަށްވުރެ ގިނަ މައްސަލަ ނުނިމި ލަސްވެގެން ގޮސްފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނޭ
ދިވެހިރާއްޖޭގެ ހައިކޯޓް: 500 އަށްވުރެ ގިނަ މައްސަލަ ނުނިމި ލަސްވެގެން ގޮސްފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނޭ
މުހައްމަދު ޝަރުހާން
ހައި ކޯޓް
ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެ ގެންނަނީ މައްސަލަތައް ލަސްވާތީ: ސުޕްރީމް ކޯޓު
ހައިކޯޓުގައި 500 އަށްވުރެ ގިނަ މައްސަލަ ވަނީ ފުނިޖެހިފައި
ދެކުނު ގޮފީގައި މިވަގުތު ތިއްބެވީ 3 ފަނޑިޔާރުން
ފަނޑިޔާރުން މާލެ ބަދަލުކުރަނީ ސެޕްޓެމްބަރ 5 ގައި، ޑިސެމްބަރ 31 އަށް މައްސަލަތައް ނިންމަން ޖެހޭ

ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން ވަގުތީ ގޮތުން މާލެއަށް ބަދަލުކުރުމަށް ސުޕްރީމް ކޯޓުން ނިންމަވައިފިއެވެ.

ސުޕްރީމް ޚޯޓުން އަންގާރަ ދުވަހު ނެރުނު އަމުރެއްގައި ބުނެފައި ވަނީ ހައިކޯޓުގެ ދެކުނު ގޮފީގައި މަސައްކަތް ކުރައްވާ ފަނޑިޔާރުން ވަގުތީ ގޮތުން މާލެއަށް ބަދަލުކުރުމަށް ނިންމެވީ ގިނަ ދުވަސްތަކެއް ވެފައިވާ 500 އަށްވުރެ ގިނަ މައްސަލަ ހައިކޯޓުގައި ފުނިޖެހިފައިވުމުން، ކޯޓުގެ މަސައްކަތް އަވަސްކުރުމުގެ ގޮތުން ކަމަށެވެ.

ހައިކޯޓުގެ ދެކުނު ގޮފީގައި މިވަގުތު ފަނޑިޔާރުންގެ ގޮތުގައި ތިއްބަވަނީ ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު އުޘްމާނާއި، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޢަނީ މުޙައްމަދުގެ އިތުރުން ފަނޑިޔާރު އަލްއުސްތާޛު ޝުޢައިބު ޙުސައިން ޒަކަރިއްޔާއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައިވަނީ، އެކަށީގެންވާ އަވަސްމިނެއްގައި ޢަދުލު އިންޞާފު ލިބިދިނުން ކަށަވަރު ކުރުމަށްޓަކައި، ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް ނިންމޭ ޢަދަދާއި ހަލުވިމިނަށް ބަލައި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް އެކަށީގެންވާ އަވަސްމިނެއްގައި ނިންމުމުގެ މިންގަނޑުން ބެލިއިރު، މި އަހަރުގެ މިހާތަނަށް ނުނިމި 500 އަށްވުރެ ގިނަ މައްސަލަ ހައިކޯޓުގައި ހުރިކަމަށެވެ. އަދި އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ، މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއްކަމަށް ކަނޑައެޅިފައިވާ 6 މަސްދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކެއްކަން ފާހަގަކުރެވިފައިވާ ކަމަށްވެސް ސުޕްރީމް ކޯޓުގެ އަމުރުގައި ވަނީ ފާހަގަކުރައްވާފައެވެ.

އެހެންކަމުން، ޤާނޫނުއަސާސީގެ 141 ވަނަ މާއްދާ އާއި، 144 ވަނަ މާއްދާ އާއި 156 ވަނަ މާއްދާ އާއި ޤާނޫނު ނަންބަރު 2010/22 ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު ނަންބަރު 2014/40ގެ 35 ވަނަ މާއްދާ އާއި، ކޭސް މެނޭޖް ކުރުމަށް ކަނޑައެޅިފައިވާ އުޞޫލުތަކާއި ޝަރީޢަތް ކުރުމުގައި ޢަމަލުކުރެވޭ އިޖުރާއާތުތަކަށް ރިޢާޔަތްކޮށް، ހައިކޯޓުގެ ދެކުނު ގޮތްޕަށް ހަމަޖައްސާފައިވާ ތިން ފަނޑިޔާރުން، 2017 ސެޕްޓެމްބަރ 05 ވާ އަންގާރަ ދުވަހުން ފެށިގެން ތިންމަސް ދުވަހުގެ މުއްދަތަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސަވާފައިވާ ކަމަށް ވެސް މި އަމުރުގައިވެއެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި އިތުރަށް ބުނެފައިވަނީ، ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން މާލެއަށް ބަދަލުކުރައްވަނީ، އެ ފަނޑިޔާރުން ހަމަޖައްސާފައިވާ ހައިކޯޓުގެ ގޮތްޕަށް ހުށަހެޅި، ހިނގަމުންދާ މައްސަލަތައް ބަލައި ނިންމުމަށް ހުރަސްނޭޅޭނޭ ގޮތެއްގެމަތިން ކަމަށެވެ. އަދި ފަނޑިޔާރުން މާލެއަށް ބަދަލު ކުރެވުމުން، މާލޭގައި ފުނިޖެހިފައިވާ މައްސަލަތައް މި ހިނގާ 2017 ވަނަ އަހަރުގެ ނިޔަލަށް ނިންމަން ޖެހޭނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރުން ވަގުތީގޮތުން މާލެއަށް ބަދަލު ކުރުމަށް ސުޕްރީމް ކޯޓުން އަމުރު ކުރިއިރު، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު އިތުރު ކުރުމަށް ދާދިފަހުން ވަނީ ޤާނޫނަށް ވެސް އިސްލާހެއް ގެނެސްފައެވެ. އެ އިސްލާހުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު، އިސް ފަނޑިޔާރާއި އެކު 11 އަށް އިތުރުވެގެން ދާއިރު، އެ 11 ފަނޑިޔާރުންގެ ތެރޭގައި ހައިކޯޓުގެ ދެކުނު ގޮތްޕަށް އައްޔަން ކުރާ 3 ފަނޑިޔާރުންނާއި، ހައިކޯޓުގެ އުތުރު ގޮތްޕަށް އައްޔަން ކުރާ 3 ފަނޑިޔާރުން ތިބެން ވާނެ ކަމަށް ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް