ޖަލަށް ހުކުމްކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް، ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ދެއްވާފައިވާ ކަމަށް ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅިކަމުގެ ކުށް ސާބިތުކޮށް، ތިން އަހަރާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ބުރާސްފަތި ދުވަހު ދުވަހުގެ ރޭ ހުކުމްކުރި ގާސިމް އިބްރާހިމް ބޭސްފަރުވާ ފޮނުވުމުގެ އިންތިޒާމު ސަރުކާރުން ދިގު ދަންމާ މައްސަލައިގައި، އެ ޕާޓީގެ ކައުންސިލް މެމްބަރުން ވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދާ ބައްދަލުކުރެއްވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަމީރު ވިދާޅުވީ ގާސިމްގެ ބޭސްފަރުވާގެ ކަންކަން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑަށް އާވެއްޖެ ކަމަށެވެ.
ގާތްގަނޑަކަށް ދޮޅު ގަޑިއިރުގެ މި ބައްދަލުވުން ނިންމާލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ "ބައްދަލުވުން ވަރަށް ކާމިޔާބު" ކަމަށެވެ.
"ގާސިމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް އެބޭފުޅުން ވިދާޅުވި. ފްލައި ކުރުމުގެ ހުއްދަ ހޯދުމަށް މިހާރު އަންގާފައިވާނެ ކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް ދެން ކުރަންޖެހޭ ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށް ވިދާޅުވި. ހޯމް މިނިސްޓަރު ފާހަގަ ކުރެއްވި މިވަގުތު މެޑިކަލް ބޯޑު އޮތް ހާލަތުން އެބޯޑުގެ މަސައްކަތް ހުއްޓިިފައިވާ ކަމަށާއި ނަމަވެސް އެކަންކަންވެސް ހައްލުކޮށް، ގާސިމް ފުރުމުގެ މަސައްކަތް އަވަސް ކޮށްދެއްވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ވިދާޅުވި."
އައިޖީއެމްއެޗްގައި ފަރުވާ ދެއްވަމުން ގެންދަވާ ގާސިމްގެ ހިތުގެ ދެ ޓެސްޓެއް ވަރަށް އަވަހަށް ހެދުމަށް ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފަ އެވެ. ފަރުވާ ދިނުން ލަސްކޮށްފި ނަމަ ގާސިމްގެ ފުރާނައަށް ގެއްލުން ވެދާނެ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފަ އެވެ.