ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 10:57
ކުރީގެ ރައީސް މައުމޫން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން
ކުރީގެ ރައީސް މައުމޫން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން
ރާއްޖެ އެމްވީ
ރައީސް މައުމޫން
ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރާނަމަ ހައްޔަރުކުރަން ރައީސް މައުމޫން ގޮވާލައްވައިފި
މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ރައީސް މައުމޫން ވިދާޅުވި
ގާސިމް ބޭސްފަރުވާ އަށް ނުފޮނުވުމަކީ ހުކުމާ ހިލާފުވުން
ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނެފައިވަނީ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް

ޝަރުއީ ކޯޓުތަކުގެ ހުކުމްތައް ތަންފީޒު ނުކުރާނަމަ ސަލާމަތީ ބާރުތަކުން ނިކުމެ، އެފަރާތްތައް ހިފާ ހައްޔަރު ކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގޮވާލައްވައިފި އެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޯމަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލަށްލުމަށް ކުރި ހުކުމުގައި އެ މަނިކުފާނު ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަން މުއައްސަސާތަކަށް އަމުރުކޮށްފައި އޮތަސް، އެގޮތަށް އަމަލު ނުކުރާ ކަމަށެވެ. މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި ވެސް މުއައްސަސާތަކުން އަމަލުކުރަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ހިލާފަށް ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

"ކޯޓުތަކުން ކުރާ ހުކުމަށް އިހުތިރާމް ކުރަންވީ ވަރަކަށް ސަރުކާރުން އިހުތިރާމް ނުކުރައްވާ. އެހެރީ ފެންނަން ހަގީގަތްތައް. ގާސިމް އިބްރާހީމްގެ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް އެއޮތީ ހުކުމް ކުރައްވާފަ. އެއަކަށް އަމަލެއް ނުކުރެ. ސުޕްރީމް ކޯޓުން އެނިންމެވީ އެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް. އެއަކަށް އަމަލެއް ނުކުރެ. އެއާއިދިކޮޅަށް އިލެކްޝަންސް ކޮމިޝަނުން ބަޔާނެއް ނެރުއްވާ ބައި-އިލެކްޝަން ކުރިއަށްގެންދާ ވާހަކަ އެވިދާޅުވީ،" ރައީސް މައުމޫން ވިދާޅުވި އެވެ.

"ސަލާމަތީ ބާރުތަކުން ޖެހޭނެ ނިކުމެ އެކަންތައްތައް ހުއްޓުވަން. ޝަރުއީ ހުކުމް ތަންފީޒު ނުކޮށް އެއަށް ދެކޮޅުހަދާ އެއަށް ގޮންޖަހާ މީހުން އެކަމަށް ނަސޭހަތްދީ، އިންޒާރުދީގެން ވާހަކަ ދައްކައިގެން، އެކަމަށް ހުރުމަތްތެރިކޮށް ނުހިއްތެވިއްޔާ ހިފާ ހައްޔަރު ކޮށްގެންވެސް ޖެހޭނެ އެކަން ކުރުވަން."

މައުމޫން ވިދާޅުވީ އެގޮތަށް އަމަލު ނުކޮށް ގައުމުގައި އަދުލްއިންސާފު ގާއިމު ނުކުރެވޭނެ ކަމަށެވެ. މީގެއިތުރުން މައުމޫން ވިދާޅުވީ މި ޖަލްސާއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބޭއްވޭ ޖަލްސާއެއް ކަމަށާއި އެކާމިޔާބަކީ ގޮނޑި ގެއްލުނު ކަމަށް ބަޔަކު ބުނަމުންދާ ހަގީގަތެއް ނެތް ވާހަކަތަކާއި ގުޅިގެން ސުޕްރީމް ކޯޓުން އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމަވާފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލުނު ކަމުގެ ނުރަނގަޅު ވާހަކަ، ހަގީގަތެއް ނެތްވާހަކަ ދައްކަމުންދާ ވަގުތެއްގައި ސުޕްރީމް ކޯޓުން އެނިންމެވި ނިންމެވުމުން އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިނުވާކަން އަޅުގަނޑުމެންނަށް ސާބިތުވުން. އަޅުގަނޑުމެން ގާބޫލުކުރަންވީ ހަގީގަތަކީ މިހާރުވެސް ކުރިން އެތިއްބެވިހެން އެ މެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރިތެރި މެމްބަރުންތަކެއް. އެހެންވީމާ އެބޭފުޅުންނަށް ވަރަށްބޮޑަށް މަރުހަބާ ދަންނަވަން... އެބޭފުޅުންގެ މަސައްކަތުގައި ކުރިއަށް ވަޑައިގެންނެވުމަށް ވެސް އަޅުގަނޑު ގޮވާލަން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ކޯޓުތަކުން ކުރަމުންދާ ހުކުމްތައް ސަރުކާރުން ތަންފީޒު ނުކުރާނަމަ ސަލާމަތީ ބާރުތަކުން ނިކުމެ އެފަރާތްތައް ހައްޔަރުކުރުމަށް ކުރީގެ ރައީސް މައުމޫން ގޮވާލެއްވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ބުނާ މައްސަލައިގެ ހުކުމް ލަސްވަމުންދާތީ ކަންބޮޑުވެ، އެ ހުކުމް ކުރުމަށް ސަލަމަތީ ބާރުތަކުން ސުޕްރީމް ކޯޓުގައި އެދި އަވަސް ކޮށްދެއްވުމަށް އެދުމަށް ގޮވާލައްވާފަ އެވެ. ރައީސް ނަޝީދު އެގޮތަށް ގޮވާލެއްވި ނަމަވެސް ސުޕްރީމް ކޯޓުން އެމައްސަލައިގައި ހުކުމެއް ކުރުމުގެ ބަދަލުގައި އެ މައްސަލައަށް ސުޕްރީމް ކޯޓުން ގޮތެއް ނިންމުމަށްފަހު ދައުވާ ކުރި މެމްބަރުންނަށް ވަނީ އެމައްސަލައިގެ ޖަވާބު ހަވާލު ކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ އެނިންމެވުމާއި ގުޅިގެން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އާއި ނަޝީދު އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސްފަރާތްތައް ވިދާޅުވަމުން ގެންދަވަނީ އެ ހަތަރު މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް ސަރުކާރަށް ނިސްބަތްވާ އިސްފަރާތްތައް ވިދާޅުވަމުން ގެންދަވަނީ ސުޕްރީމް ކޯޓުގެ އެ ނިންމުމާއި ގުޅިގެން އެ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް