ދ. ކުޑަހުވަދޫ ސަމަންދަރުގޭ އަލީ ހަސަން، 76، (އައްޔުބޭ) މަރާލުމުގައި ބައިވެރިވުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި ކުއްޖެއްގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި ހުކުމް ހައިކޯޓުން ބާތިލްކޮށްފި އެވެ.
ތޫނު އެއްޗަކުން ހަމަލާދީ ވަރަށް އަނިޔާވެރިކޮށް އައްޔުބޭ މަރާލާފައިވަނީ ޖެނުއަރީ، 8، 2012 ވަނަ ދުވަހުގެ ރޭ އެވެ.
އައްޔުބޭ މަރާލި މައްސަލައިގައި ދެ ކުއްޖެއްގެ މައްޗަށް މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލި އެވެ. އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޖުވެނައިލް ކޯޓުން ޑިސެމްބަރު، 13، 2012 ގަ އެވެ. އެ ދެ ކުދިންގެ މައްޗަށް ޖުވެނައިލް ކޯޓުން ކުރި ހުކުމުގައި ވަނީ އައްޔުބޭގެ ވާރިސުންގެ ތެރޭގައި 18 އަހަރު ނުފުރޭ ކުއްޖަކު ހިމެނޭތީ، އެ ކުއްޖާ ބާލިޣުވެ ތަސައްރަފު ފުރެންދެން ޖަލަށް ލުމަށެވެ.
އައްޔުބޭގެ 10 ވާރިސުންގެ ތެރެއިން ނުވަ ވާރިސެއްގެ ބަޔާން ނެގުމުން އެ މީހުން ބުނެފައި ވަނީ ދައުވާ ސާބިތުވެއްޖެ ނަމަ މަރަށް މަރު ހިފަން ބޭނުންވާ ކަމަށެވެ.
އައްޔުބޭ މަރާލިއިރު، އެ ދެ ކުދިންނަށް ވެސް 18 އަހަރު ފުރިފައިނުވިނަމަވެސް، މިހާރު ދެ ކުދިންނަށް ވެސް ވަނީ 18 އަހަރު ފުރިފަ އެވެ. ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު ވަނީ ޖުވެނައިލް ކޯޓުގެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
ހައިކޯޓުން މި މައްސަލައިގައި ހޯމަ ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ އެ ކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ އަމިއްލަ އިއުތިރާފުގެ މައްޗަށް ކަމަށްވާއިރު، އެ އިއުތިރާފުން އެކުއްޖ ރުޖޫއަވެފައިވާ ކަމަށެވެ. އަދި އިއުތިރާފުން އެ ކުއްޖާ ރުޖޫއަވިއިރު، އިއުތިރާފަށް ބާރުދޭ އެއްވެސް ހެއްކެއް ނެތް ކަމަށް ވެސް ހުކުމުގައި ބުނެފައިވެއެވެ.
އައްޔުބޭގެ މަރުގެ މައްސަލައިގައި މީހަކު މެރުމުގެ ދައުވާ ކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ޖުވެނައިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ. މި މައްސަލައިގައި އައްޔުބޭއަށް ދޮންކާފަ ކިޔާ މީހެއްގެ މައްޗަށް ވެސް ދައުލަތުން ދައުވާ އުފުލި އެވެ. ނަމަވެސް އޭނާގެ މައްޗަށް ވެސް ކުށް ސާބިތެއްނުވި އެވެ.