ރައީސުލްޖުމްހޫރިއްޔާ، ނުވަތަ އެހެންވެސް މަޤާމަކަށް މީހަކު އިންތިޚާބު ކުރުމަށްފަހު ގެއަށްގޮސް ނިދުމުން، ނުފުދޭ ކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ވެރިކަންކުރާ ޕީޕީއެމްގެ އިންތިޚާބީ ރައީސް، އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މަޢުމޫން ވިދާޅުވީ، ޑިމޮކްރަސީ އަކީ ރައްޔިތުން އިންތިޚާބު ކުރާ ބަޔަކު ރައްޔިތުން އެދޭ ކަންތައްތައް، ރައްޔިތުން އެދޭ ގޮތަށް ކުރަމުން ގެންދިއުން ކަމަށެވެ. އަދި އެފަރާތްތަކާއި ހަވާލުކުރަނީ ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރުން ކަމަށާ، އެހެންކަމުން، އެއީ ރައީސުލްޖުމްހޫރިއްޔާ ކަމުގައިވިޔަސް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވިޔަސް، އެފަރާތްތައް އިންތިޚާބު ކުރުމަށްފަހު، ގެއަށްގޮސް ނިދާފައި ތިބެގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
"ރައްޔިތުން އަބަދު ތިބެންޖެހޭނީ ހޭލާ. އެބޭފުޅުންނަށް (އިންތިޚާބީ މަޤާމުތަކުގައި ތިބޭ ފަރާތްތަކައް) އެ ލިބޭ މުސާރައަކީ އަޅުގަނޑުމެންގެ ފައިސާއިން ދޭ މުސާރައެއް. އެބޭފުޅުން އެ ކުރައްވާ މަސައްކަތަކީ އަޅުގަނޑުމެން އެބޭފުޅުންނާއި ހަވާލުކުރި މަސައްކަތެއް. އެބޭފުޅުންނަކީ އަޅުގަޑުމެންގެ ޚާދިމުން. އަޅުގަނޑުމެންގެ ނޯކިރީން. އެހެންވީމަ އަޅުގަނޑުމެންގެ ގޭގަ ނޯކިރީ އަދާކުރާ މީހާއަށް އަޅުގަނޑުމެން މުސާރަ ދީފަ ކަންތައް ހަވާލުކުރީމަ، އޭނަ އެކަންތައް ކުރަނީ ރަނގަޅަށްތޯ ނުބައިކޮށްތޯ އަޅުގަނޑުމެން ބަލާނެ. ބަލަން މަޖުބޫރުވާނެ. ހަމައެގޮތަށް ރައްޔިތުންނަށް ޖެހޭނެ ރައްޔިތުން އިންތިޚާބު ކުރި މީހުން އެކަންތައް އެ ކުރަނީ ރައްޔިތުން އެދޭގޮތަށްތޯ (ބަލަން). އެހެން ނޫން ކަމަށްވެއްޖެއްޔާ މަގަށް އަޅުވަން ޖެހޭނެ" ރައީސް މައުމޫން ވިދާޅުވިއެވެ.
ރައީސް މައުމޫން ވިދާޅުވީ އިންތިޚާބީ މަޤާމުތަކުގައި ތިބޭ ރައްޔިތުންގެ ޚާދިމުން ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރާ މަންޒަރު ރައްޔިތުންގެ ކިބައިން މިއަދު ނުފެންނަ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާލުވީ، ކަންކަން ޙައްލުކޮށް، އިންތިޚާބީ މަޤާމުތަކުގައި ތިބޭ ރައްޔިތުންގެ ޚާދިމުން ޖަވާބުދާރީ ކުރުވުމަށް މަސައްކަތްކުރުމަކީ ވަކި ބައެއްގެ މަސްއޫލިއްޔަތެއް ނޫން ކަމަށް، ސަރުކާރުން ކަންކުރާ ގޮތް ބެލުމަކީ ހުރިހާ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށެވެ.
ރައީސް މައުމޫން މިފަދައިން ވިދާޅުވި އިރު، މިހާރުގެ ސަރުކާރުގެ މައްޗަށް ކޮރަޕްޝަނާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑެތި ތުޙުމަތުތައް ދަނީ ކުރެވެމުންނެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން، ސަރުކާރަށް ފައިދާވާގޮތަށް ގިނަ ޤާނޫނުތަކަކަށް ބަދަލުގެނެސް، ޤާނުނު އަސާސީ އާއި ތައާރުޒުވާ ޤާނޫނުތައް ހަދާފައިވެއެވެ.
ރައީސް މައުމޫންގެ ވާހަކަފުޅުގައި އިންތިޚާބީ ބައެއް މަޤާމުތަކުގައި ތިބި ފަރާތްތަކުން މަޤާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ނަގަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވަޑައިގެންނެވި ފަހުން ބައެއް މެންބަރުންނަށް އިންތިހާ މުއްސަނދިކަން ލިބި، ގިނަ ވިޔަފާރިތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރައީސް މައުމޫން ވަނީ ޤާނޫނުތަކާއި ޚިލާފަށް މުއައްސަސާތަކުން މަސައްކަތްކުރުމުގެ ފުރުޞަތު ސަލާމަތީ ޚިދުމަތްތަކުން ދީގެން ނުވާނެކަން ފާހަގަކުރައްވާ އެ މޭރުމުންވެސް ވާހަކަފުޅު ދައްކަވާފައެވެ.