ކ. މާލެ
|
29 އޯގަސްޓް 2017 | އަންގާރަ 04:46
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހް ހޯމަ ދުވަހުގެރޭގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
ޓްވިޓަރ
ޕީޕީއެމް ޖަގަހަ ޖަލްސާ
ގާސިމް މީހުންނަށް އެހީވީ ވެރިކަމުގެ ދަހިވެތިކަމުގައި، އެހީ ދީފަ ކަލަ ގޮވާ: ފަލާހު
ގާސިމް ސަރުކާރާދެކޮޅު ވެގެން އުޅުއްވަނީ ރައީސް ޔާމިން ކަމުނުގޮސްގެން ނޫން
ކޮންމެ މީހަކު ވެރިކަމަށް ގެންނަނީ ވިޔަފާރި ކުރިއަރުވަން
ގާސިމް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު އަނބުރާ ވެރިކަމަށް ގެނައުމަށް

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް މީހުނަށް އެހީ ވެދެއްވާފައިވަނީ ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގަ ކަމަށާއި އެހީ ދިނުމަށްފަހު އެމަނިކުފާނު "ކަލަ ގޮވާ" ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމްއިން "ރުމާލު ދެއެއް" ޖަގަހައިގަ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމް ޕީޖީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ފަލާހް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަކި މީހަކު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވަނީވެސް އަމިއްލަފުޅު ވިޔަފާރި ކުރިއެރުއްވުމަށް ކަމަށެވެ.

" އެ ބޭފުޅާ ( ގާސިމް އިބްރާހިމް) އެބަ ހުއްޓޭ އެ ބޭފުޅާގެ ހަރަދުގައި ކިޑްނީ ބަދަލުކޮށްދީފަ ހުރި މީހުންގެ ވާހަކަ ދައްކާ ކަލަ ގޮވާފަ. މިއީތޯ ހެޔޮ ކަމަކީ. ހެޔޮކަން ކޮށްދިނީ ވެސް ވެރިކަމުގެ ބޭނުމުގައި. ހުރިހާ ކަމެއްވެސް ކޮށްދިނީ ވެރިކަމުގެ ބޭނުމުގައި، " ރައީސް ޔާމީން ބައިވެރިވަޑައިގެންނެވި ޖަލްސާގައި އޭނާ ވިދާޅުވި އެވެ.

ގާސިމް މި ސަރުކާރާ ދެކޮޅުވެގެން އުޅުއްވަނީ ރައީސް ޔާމީން ކަމުނުގޮސްގެން ނޫން ކަމަށާއި ސަރުކާރުގެ ތެރެއިން ބޮޑެތި ފައިދާތައް ލިބިނުލެއްވުމުން ކަމަށްވެސް ފަލާހު ތުޙުމަތު ކުރެއްވިއެވެ.

" ތިޔަބޭފުޅުން ބައްލަވާ އެމަނިކުފާނުގެ( ގާސިމް އިބްރާހިމްގެ) އެއާޕޯޓް. އެމަނިކުފާނުގެ އެއާޕޯޓް ވަހީދުގެ ވެރިކަމުގައި އެ އޮތީ 100 އަހަރަށް އެގްރިމެންޓް އާކޮށްފައި. މި ކަހަލަ ފައިދާތައް ނުލިބޭތީ މި ހަޅޭއްލަވަނީ. ރައީސް  ޔާމިން ކަމުނުގޮސްގެނެއް ނޫން. ކޮބައިތޯ ދައުލަތައް ދައްކަން ޖެހޭ 170 މިލިއަން ޑޮލަރު.  މީރާއިން އެއޮއް ދުވަނީ. އެ ފައިސާ ދައްކަން ވީ ނޫންތޯ." އޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދު ވެރިކަމުން ބޭލުމުގެ މުގުލުގައި ހުންނެވީ ގާސިމް ކަމަށާއި ކޮންމެ މީހަކުވެސް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރައްވަނީ ޤާސިމްގެ އަމިއްލަ ވިޔަފާރި ހިމާޔަތްކުރައްވަން ކަމަށް ފަލާހު ވަނީ ތުހުމަތު ކުރައްވާފައެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި ކުޑަ ދުވަސްކޮޅަކު ހޯމް މިނިސްޓަރުކަމުގައި ހުންނެވުމަށްފަހު ސަރުކާރާ ދެކޮޅުވީ ކީއްވެކަން އެނގިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މިހާރު ގާސިމް މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު އަނބުރާ ވެރިކަމަށް ގެނައުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ނިންމާފައިވާ ނިންމުމަކީ މެމްބަރުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ވަރަށް ބޮޑު މާޔޫސްކަމެއް ލިބިވަޑައިގެން ހިތާމަކުރެއްވި ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލާގައި ނިންމެވި ގޮތުން ވަރަށް އުފާވެރިކަން ލިބިވަޑައިގަތްކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އެއީ އެ ދާއިރާތަކުގެ ރައްޔިތުންނަށްވެސް އުފާވެރި ނިންމުމެއް ކަމަށް ފާހަގަ ކުރައްވާ އެ ދާއިރާތަކުގެ މެމްބަރުނަށް ވެސް ފާޑު ވިދާޅުވިއެވެ. އޭނާ ފާޑު ވިދާޅުވީ މަޑުއްވަރީ ދާއިރާ، ތުލުސްދޫ ދާއިރާ ވިލިނގިލީ ދާއިރާ އަދި ދިއްދޫ ދާއިރާގެ މެމްބަރުންނަށެވެ.

" އެ މެމްބަރުންނެއް ފޯނެއް ނުނަގާ. ފޯނު އުޅުނީ މުޅިން ނިއްވާލައިގެން. ބެންކޮކްގައި ކަމަށްވަނީ ގިނަ ބޭފުޅުން އުޅުއްވަނީ ވެސް. އެ ވާހަކަ އެ ހިސާބުން ބާއްވާ. އިތުރު ވާހަކައެއް ދެއްކުމުގެ ކުރިން ރާއްޖޭގެ ސުޕްރީމް ކޯޓާއި އެހެނިހެން ކޯޓުތަކުގެ ފަނޑިޔާރުންނަށް އައްސަރިބަހާ ސާބަސް ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް