ޣައިރުޤާނޫނީ ބައި އިލެކްޝަނެއް ބާއްވަން އެއްވެސް ރަށަކަށް އިލެކްޝަން ކޮމިޝަނަށް ނޭރޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލްއުސްތާޒް އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ހޯމަ ދުވަހުގެ ރޭ މ. ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން، އަލީ ޙުސައިން ވިދާޅުވީ، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގައި ސުޕްރީމް ކޯޓަށް ދީފައިވާ ބާރު ސުޕްރީމް ކޯޓުން ދޫކޮށްލަފާނެ ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށާ، އެ ބާރު އިލެކްޝަން ކޮމިޝަނަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. އަލީ ޙުސައިން ވިދާޅުވީ، އޯގަސްޓް 27 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމުން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައި ނުވާކަން ޔަޤީންވާ ކަމަށާ، މި ހާލަތުގައި ބާއްވާ ބައި އިލެކްޝަނަކީ ޣައިރުޤާނޫނީ ބައި އިލެކްޝަނަކަށް ވާއިރު، އެފަދަ އިންތިޚާބެއް ބޭއްވުމަށް އެއްވެސް ރަށަކަށް އިލެކްޝަން ކޮމިޝަނުން އެރުމުގެ ފުރުޞަތު ރައްޔިތުން ނުދޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުން، އިލެކްޝަން ކޮމިޝަނުން ތަރުޖަމާކޮށް، އެ ކޮމިޝަނުން ކުރިން އިޢުލާނު ކުރި ބައި އިލެކްޝަނައިގެން ކުރިއަށްދިއުމަށް ނިންމާފައި ވާތީ، އެކަމަށް އިޝާރާތްކުރައްވައި އަލީ ޙުސައިން ވިދާޅުވީ، ސުޕްރީމް ކޯޓުން ނިންމެވި ނިންމެވުމަކީ އިލެކްޝަން ކޮމީޝަނަށް "އަވަގުރާނަ ނުގޮވަން" ނިންމެވި ނިންމެވުމެއް ކަމަށެވެ.
މީގެ އިތުރުން، ސަރުކާރާއި، ސަރުކާރު ފަޅީގައި ތިބި ފަރާތްތަކުން ސުޕްރީމް ކޯޓުގެ ޙުކުމް މާނަކުރައްވަމުން ގެންދަވާގޮތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވިދާޅުވީ، "މާސްޓަރޕީސް" އެއް ފަދަ މި ޙުކުމް ތަރުޖަމާކުރެވޭ ވަރުގެ ވަކީލަކު ސަރުކާރު ފަޅީގައި ނެތް ކަމަށެވެ.
ރައްޔިތުންނާއި ގުޅިގެން ސަރުކާރަށް މަތިވެފައިވާ ޒިންމާ އާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަލީ ޙުސައިން ވަނީ ޤާނޫނަށް ބޯލެނބުމަކީ އިންސާފު ޤާއިމްކުރުމުގެ ބަދަލުގައި ރައްޔިތުން ކޮށްދޭ ކަމެއް ކަމަށާ، އެހެންކަމުން އިންސާފު ޤާއިމްކޮށްދިނުމަކީ ސަރުކާރަށް މަތިވެފައިވާ މުހިއްމު ޒިންމާއެއް ކަމަށް ވިދާޅުވެފައެވެ. އަލީ ޙުސައިން ވިދާޅުވީ، އަދުލު އިންސާފު ޤާއިމް ނުކުރާ ސަރުކާރަކަށް ޓެކްސް ދައްކަން ޖެހޭނެކަމަށް ޤަބޫލުނުކުރައްވާ ކަމަށެވެ.