ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ބައްދަލުކުރައްވައިފި އެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ހޯމް މިނިސްޓަރު އަޒްލީން އަހުމަދު. ގާސިމާ ބައްދަލުކުރައްވާފައިވާ އިރު މި ބައްދަލުވުމުގައި ސްރީލަންކާއަށް ދިވެހި ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. މި ބައްދަލުވުން ހިނގި ވަގުތު ގާސިމްގެ އަރިހުގައި އާއިލާގެ ބޭފުޅުންވެސް ތިއްބެވި އެވެ.
މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ އިރު ގާސިމް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުއްވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.
މިކަމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ، އައިޖީއެމްއެޗުގައި ގާސިމް އެޑްމިޓްކޮށްފައިވަނިކޮށް ހޯމް މިނިސްޓަރ ވަޑައިގެން ގާސިމްއާ ބައްދަލުކުރެއްވީ، އެމަނިކުފާނުގެ ހާލު އޮޅުންފިލުއްވުމަށް ކަމަށް ބެލެވޭ ކަމަށެވެ. ގާސިމް އިބްރާހިމްގެ ބޭސްފަރުވާ ލަސްވަމުންދާތީ އަވަސްކޮށްދިނުމަށް އެދި ހޯމް މިނިސްޓަރާއި ކަރެކްޝަންގެ ސަމާލުކަމަށް ގެނައުމަށް ހޯމް މިނިސްޓްރީއަށް ޖުމްހޫރީޕާޓީގެ ފަރާތުން ހޯމަ ބޭފުޅުން ހާޒިރުވެފައިވެއެވެ.
ގާސިމްގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އަޒްލީން މީގެ ކުރިން ވިދާޅުވެފައިވަނީ ގާސިމް އިބްރާހީމަށް ރާއްޖެއިން ބޭރުން ލިބެންޖެހޭ ބޭސްފަރުވާގެ އިންތިޒާމްތައް ހަމަޖެއްސުމަށް ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމަށް ވަގުތު ނަގާނަމަ ބޭސްފަރުވާ އަށް ރާއްޖެއިން ބޭރުން ޑޮކްޓަރުން ގެނައުމުގެ ފުރުސަތު އެބައޮތް ކަަމަށެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ މައްޗަށް ތިން އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލު ހުކުމް ޣައިރު ހާޒިރުގައި ކޮށްފައިވާ އިރު އެ ހުކުމްގައި ބުނެފައި ވަނީ ގާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒު ކުރުމަށާ، ގާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ގޮތަށް ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓްތައް ހެދުމާއި، ލިބެން ޖެހޭ ފަރުވާ ގާސިމަށް ލިބުމަށް ހުރަހެއް އޮވެގެން ނުވާނެ ކަމަށެވެ.