އިންޑޮނީޝިއާގެ ޒުވާނަކު ފައިމަގުގައި އެ ގައުމުން ފެށިގެން ހިނގާފައި މައްކާ އަށް މިއަހަރު ހައްޖަށް ހިނގައްޖެއެވެ.
މުހައްމަދު ޚާމިމް ނަމަކަށް ކިޔާ މި ޒުވާނާ ވަނީ މި ދަތުރުގައި 9000 ކިލޯ މީޓަރުގެ ރާސްތާއެއް ކަޑައްތު ކޮށްފައެވެ.
މުހައްމަދު އިންޑޮނީޝިއާގެ މެދުތެރޭ ޖާވާ އިން ދަތުރަށް ފެށީ މަދު ހެދުން ކޮޅަކާއި، ޓެންޓަކާއި، ޓޯޗަކާއި ސްމާޓް ފޯނަކާއި، ޖީޕީއެސް އެއް ހިފައިގެންނެނެވެ. އެއްޗެހި އަޅާފާއި ހުރި އޭނާގެ ބެކްޕެކްގައި އިންޑޮނީޝިއާގެ ކުޑަ ކުޑަ ދިދައެއްވެސް އޮތެވެ. ފައިސާގެ ގޮތުގައި އޭނާ މުޅި ދަތުރަށް ގެންދިޔައީ 3 މިލިއަން އިނޑޮނީޝިއަން ރުޕީސް އެވެ. އެއީ ގާތްގަނޑަކަށް 226 އެމެރިކާ ޑޮލަރުގެ މިންވަރެވެ.
އޭނާ ކިޔައިދިން ގޮތުގައި މި ދަތުރު ފުރިހަމަ ކުރެވިދާނެ ކަމާ މެދު އޭނާގެ އާއިލާއިންވެސް ޝައްކު ކުރިއެވެ. އެއް ބަނޑު ބައެއް މީހުން އެ ޚިޔާލު ދޫކޮށްލުމަށް އޭނާ ގާތު އެދުނެވެ. ނަމަވެސް މުހައްމަދު ބޭނުންވީ، އެއް އަހަރު ދުވަހުގެ މުއްދަތުގެ 9000 ކިލޯ މީޓަރުގެ މި ދިގު ރާސްތާ ކަޑައްތު ކޮށް ހައްޖުވުމަށް ފައިމަގުގައި މައްކާ އަށް ދިއުމަށެވެ. އަދި އެ އަޒްމަށް ބަދަލު ނުގެނައުމަށެވެ.
ދަތުރުމަތީގައި އޭނާ ދުވާލުގެ ވަގުތު ގިނަ ދުވަސް ދުވަހު ހުރީ ރޯދަ އަށެވެ. އަދި ދަތުރު ކުރިއަށް ގެންދިއުމުގެ ބަދަލުގައި ދުވާލު މިސްކިތްތަކުގައާއި އާއްމު އިމާރާތްތަކުގައި މަޑު ކޮށްގެން ހުރުމަށްފަހު ކުރިއަށް ހިނގައިގަންނަނީ ރޭގަނޑުގެ ވަގުތުކަމަށް ބުންޏެވެ.
މުހައްމަދު ބުނީ ދަތުރަށް ފެށި އިރު ފުރަތަމަ ކޮޅު ދުވާލަކު 50 ކިލޯ މީޓަރު ކަޑައްތު ކުރެވުނު ކަމަށާއި ނަމަވެސް ކަކުލުގައި ރިއްސަން ފެށުމުން ފަހުން ކުރިއަށް ދެވުނީ ދުވާލަކު 10 ނުވަތަ 15 ކިލޯމީޓަރު ކަމަށެވެ.
ދަތުރުމަތީގައި ދެ ފަހަރު ބަލިވި ކަމަށް އޭނާ ބުންޏެވެ. އެއީ އިންޑިއާ ގައި އަދި މެލޭޝިއާގައި ކަމަށްވެސް އޭނާ ބުންޏެވެ.
ދިގު ރާސްތާ އެއް ކަޑައްތު ކުރަން ޖެހުނު ނަމަވެސް ގައިގައި ވަރު ޖައްސަން ވަކި ޚާއްސަ ސަޕްލިމެންޓެއް ކަހަލަ އެއްޗެއް ބޭނުން ނުކުރާ ކަމަށާއި، ފެނައް މާމުއި އަޅައިގެން ބުއިމުން އެކި ތަންތާނގެ އެކި މޫސުމުގައިވެސް ކެތް ކުރެވުނު ކަމަށް މުހައްމަދު ބުންޏެވެ.
މާ ބޮޑު ނުރައްކާތަކެއް ދަތުރުމަތީގައި ދިމާ ނުވި ނަމަވެސް މެލޭޝިއާގެ ޖަންގަލި ތެރެއިން ހިނގާފައި ދިޔައިރު އެނާއަށް ވިހަގަދަ ހަރުފަޔާ ކުރިމަތިވި ކަމަށް ކިޔައި ދިނެވެ.
މުހައްމަދު ބުނީ ދަތުރު މަތީގައި އެއްގޮތަކަށްވެސް އެއްޗެހި ހޯދަން މީހުންގާތު ސަލާން ނުޖަހާ ކަމަށާއި ނަމަވެސް ވަރަށް ހިތް ހެޔޮ މީހުންނާ ދިމާވެ އެމީހުން ކާއެއްޗެއްސާއި އަންނައުނު ފަދަ ތަކެތި ދިން ކަމަށެވެ. މިގޮތުން ތައިލެންޑުން ބުދު ދީނުގެ ފައްޅިއަކުން އޭނާ އަށް މަރުހަބާކީ ކަމަށާއި، މިޔަމަންމާގެ އަވަށަކުން އޭނާ އަށް ކާން ދިން ކަމަށާއި، މުސްލިމް ދީނީ އިލްމްވެރިންނާ އިންޑިއާގެ މިސްކިތަކުން ބައްދަލުވެ ދީނީ މައުލޫމާތު ހޯދި ކަމަށާއި، ނަސާރާއިންގެ ދެމަފިރިންނާ ދަތުރުގައި ބައްދަލުވެ އެމީހުންނާވެސް ރަހުމަތްތެރިވި ކަމަށެވެ.
މުހައްމަދު ބުނި ގޮތުގައި ރޭގަނޑުގެ ވަގުތުގައި ހިނގަމުން ދިޔަ އިރު ދާންވީ މަގު ޔަގީން ކޮށްލުމަށް އިންޑިއާގައި ބަޔަކު ކުރެން އެހުމުން އެމީހުން ގަސްތުގައި އޭނާއަށް މަގު އޮޅުވާލި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އެތައް ވަގުތެއް ގެއްލުނު ކަމަށްވެސް އޭނާ ބުންޏެވެ.
މުހައްމަދު ބުނީ އެކަން އެހެން ދިމާވި ނަމަވެސް ދިމާވި ގިނަ މީހުންނަކީ ރަނގަޅު މީހުން ކަމަށެވެ. އިންޑިއާއިންވެސް، މެލޭޝިއާ އިން ވެސް އަދި ޑުބާއީންވެސް މީހުން އެހީތެރިވި ކަމަށް ބުންޏެވެ. ކޮންމެ ގައުމަކަށް ދެވުމުން ދެން ދާން އޮތް ގައުމަށް ދިއުމުގެ ކުރިން އެ ގައުމެއްގައި ހުންނަ އިންޑޮނީޝިއާގެ އެމްބަސީ އަށް ގޮސް ވިސާގެ ކަންތައް ހަމަޖެއްސި ކަމަށްވެސް މުހައްމަދު ބުންޏެވެ.
އެއް އަހަރު ދުވަހުގެ ދިގު ހިނގުމެއްގައި ހިނގަމުން އެތައް ގައުމެއް ހުރަސްކޮށް މައްކާ އަށް އާދެވުމުން އޭނާގެ ދަތުރުގެ ތަފްސީލްތައް ކިޔައިދީފައިވަނީ ސައުދީ އަރަބިއްޔާގެ ނޫހެއް ކަމުގައިވާ ސައުދީ ގެޒެޓަށެވެ. މުހައްމަދު ބުނީ އޭނާގެ މި ދިގު ހިނގުން ހިނގީ ﷲ އަށް އޭނާގެ ހިތުގައި އޮތް ތަގުވާވެރިކަން ތަމްސީލް ކުރުމުގެ ގޮތުން ކަމަށެވެ. އެއާއެކު އެކި މީހުންނާ ބައްދަލު ކުރުމާއި އިސްލާމް ދީނުގެ އިލްމްވެރިންގެ ކިބައިން މައުލޫމާތާއި ތަޖްރިބާ ހާސިލް ކުރުން ކަމުގައެވެ.
މުހައްމަދުގެ ދަތުރު ކުރިއަށް ދިޔަ ގޮތުން އޭނާ އުއްމީދު ކޮށްގެން ހުރީ މައްކާއަށް ފޯރާނީ އަރަފާތު ދުވަހުގެ އެއް ދުވަސް ކުރިން އޮގަސްޓް މަހުގެ 30 ގައި ކަމަށެވެ. ނަމަވެސް އޭނާގެ ނަސީބު ރަނގަޅު ކަމުން އެއަށް ވުރެ ކުރިން މައްކާ އަށް ފޯރައިފިއެވެ.
މުހައްމަދު ދިޔައީ އޭނާގެ މުޅި ދަތުރު ވީޑިއޯކޮށް ތަފްސީލްތައް ސޯޝަލް މީޑިއާގައި ޕޯސްޓް ކުރަމުންނެވެ. އެގޮތުން އޭނާގެ ދަތުރު ކުރިއަށް ދިޔަ ގޮތް އާއިލާއަށް އެނގެމުން ދިޔަ ކަމަށްވެސް އޭނާ ބުންޏެވެ.