ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް އިއްވި ޖަލު ހުކުމަކީ ޑިމޮކްރަސީ ނެތި ކޮށްލުމަށް ރާއްޖެއިން އެޅި އެންމެ ފަހު ފިޔަވަޅުގެ ގޮތުގައި އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސިފަ ކުރައްވައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން އުފުލި، ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށް، ތިން އަހަރާއި، ދެ މަހާއި، ބާރަ ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ކޯޓު ހުޅުވައިގެންނެވެ. ޤާސިމް އިބްރާހިމްގެ މައްޗަށް ހުކުމް ކޮށްފައިވަނީ، އޭނާގެ ޢައިރު ހާޒިރުގައި އެރޭ 1:13 ގައެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހު ގޯހުން ގޯހަށްދާތީވެ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، އޮސްޓްރޭލިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވީ، ޤާސިމް އިބްރާހިމްގެ މައްޗަށް އިއްވި ހުކުމަކީ، ޑިމޮކްރަސީއަށް އޮތް ޖާގަ ނެތިކޮށްލުމަށް އެޅި އެންމެ ފަހު ފިޔަވަޅު ކަމަށެވެ.
Concerned by worsening political trajectory in #Maldives – sentencing of @qasimibrahim the latest step in closure of democratic space
— Bryce Hutchesson (@AusHCSriLanka) August 28, 2017
އޮސްޓްރޭލިޔާގެ އިތުރުން ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ވަނީ ޤާސިމްގެ މައްޗަށް އޭނާގެ ޤައިރު ހާޒިރުގައި އިއްވި ހުކުމަކީ އިންސާފުން ބޭރުގައި އިއްވާފައިވާ ހުކުމެއްކަން ހާމަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެއިތުރުން ދިވެހި ސަރުކާރުން މުޅި ނިޒާމް ގަޑުބަޑުކޮށް، އަދުލު އިންސާފު ގެއްލުވާލާފައިވާ ކަމަށް އެ ފަރާތްތަކުން ސިފަ ކޮށްފައިވެއެވެ.
ޤާސިމްގެ މައްޗަށް ޖަލު ހުކުމް އިއްވުމާއެކު، ރައީސް އަބްދުﷲ ޔާމީނާއި ހިޔާލު ތަފާތު ހުރިހާ ބޭފުޅުންނެއް ޖަލަށްލައި ނިމުނީ އެވެ. އެގޮތުން އިދިކޮޅު ލީޑަރު މުހައްމަދު ނަޝީދު 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވާއިރު، އަދާލަތު ޕާޓީގެ ލީޑަރު އިމްރާން ގެންދަވަނީ 12 އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުންނެވެ. ދެން ހުންނެވި ރައީސް މައުމޫނު އަބްދުއްޤައްޔޫމްގެ، އަހުމަދު ފާރިސް މައުމޫނު ވަނީ މުއްދަތެއް ނެތް ގޮތަށް ޖަލަށްލައިފަ އެވެ.
ގާސިމްގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ ވަކި ގޮތަކަށް އަދާކޮށްފި ނަމަ އެ މެމްބަރުންނަށް ދާއިރާގެ ޓިކެޓްދޭނެ ކަމަށް ހުށަހެޅުމަކީ އެ މެމްބަރުންނަށް ހުށަހެޅޭ މަންފާއެއް ކަމާއި އެ މަންފާ ހުށަހެޅޭނީ ވޯޓުލާ ގޮތަކަށް ރިއާޔަތްކޮށް ކަމަށް ވާތީ އެ މަންފާއަކީ ހުއްދަވެގެން ނުވާނެ މަންފާއެއް ކަމަށެވެ. އަދި ގާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ކުށަކީ ކަމެއް ހުށަހެޅުމުގެ ތަބީއަތް ލިބިފައިވާ ކުށަކަށްވާއިރު އެ ކުށަކީ ބުނާ ބަހަކުން އެކަނި ފުރިހަމަވާ ކުށެއްކަން އެނގެން އޮންނަ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.