ކ. މާލެ
|
28 އޯގަސްޓް 2017 | ހޯމަ 08:43
މެންބަރު ސައުދު އަދި ވަހީދު ކޯޓަށް ހާޒިރުވަނީ
މެންބަރު ސައުދު އަދި ވަހީދު ކޯޓަށް ހާޒިރުވަނީ
ރާއްޖެއެމްވީ
މެމްބަރުންގެ ގޮނޑި ގެއްލުން
ހަތަރު މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން ކަށަވަރު، އިދިކޮޅު ފަރާތްތައް ދަނީ އޮޅުވާލަމުން: ޕީޕީއެމް
ޕީޕީއެމުން މިހެން ބުނި ނަމަވެސް ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ބުނަނީ ގޮނޑި ނުގެއްލޭ ކަމަށް

ސުޕްރީމް ކޯޓްގެ ނިންމުމާއެކު މެންބަރުންގެ ގޮނޑި ގެއްލިއްޖެކަން ކަށަވަރުވެއްޖެކަމަށާއި، އިދިކޮޅު ފަރާތްތައް ދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށް ޕީޕީއެމުން ބުނެފިއެވެ.

 

ޕީޕީއެމުން އާދިއްތަ ދުވަހު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ތަމްސީލް ކުރައްވަމުންގެންދެވި ގޮނޑި، 19 ޖުލައި 2017 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ނިންމެވުމާއި އެއްގޮތަށް ހުސްވެއްޖެކަން ކަށަވަރުވާކަމަށެެވެ.

 

ގާނޫނު އަސާސީގެ 74 ވަނަ މާއްދާއާއި ސުޕްރީމް ކޯޓްގެ ގަޒިއްޔާއާއި އިލެކްޝަންސް ކޮމިޝަނުގެ ނިންމުމުން ކަން އޮތްގޮތް ސާފުކޮށް އެނގެން އޮތް ނަމަވެސް އިދިކޮޅު ފަރާތްތަކުން ގަސްތުގައި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ފަތުރަމުންދާ ދޮގު ޚަބަރާއި ނުރަނގަޅު މައުލޫމާތުތަކަށް ސަމާލުވުމަށް ރައްޔިތުންގެ ކިބައިން އެދޭ ކަމަށް ބަޔާނުގައި ބުނެ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުން އާދީއްތަ ދުވަހު ނެރުނު ހުކުމުގައި ބުނެފައިވަނީ، ޖުލައި 13 ވަނަ ދުވަހު ނެރުނު ހުކުމުގައި އަޙްކަމްތަކަށް ފެތޭނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚްގެ ފަހުން ހިނގާ ކަންތައްތަކުގެ މައްޗަށް ކަމަށްވެފައި، އަދި އެ ޤަޟިއްޔާގައި ކަނޑައަޅައިފައިވާ އަޙްކަމްތައް އެ ކޯޓުން ނެރުނު އަމުރުގެ ޒަރީއްޔާއިން އިތުރަށް ކަށަވަރު ކޮށްދެވިފައި އޮތުމާއެކު އަދި އެ ޤަޟިއްޔާއަކީ ޙުކުމްކުރި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއްގެ މެންބަރުކަމާ މެދު ވަކި ގޮތެއް ކަނޑައެޅުމުގެ ބަދަލުގައި އެ ތާރީޚުގެ ފަހުން އެ ފަރާތްތަކުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް ތަޠުބީޤު ވެގެން އަޙްކަމްތަކެއް ބަޔާންކުރާ ޤަޟިއްޔާއެއް ކަމަށެވެ.

 

އެ ޤަޟިއްޔާގެ ދަށުން އެ ޤަޟިއްޔާގައި ބުނެފައިވާ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަން ގެއްލޭނެ ގޮތްތައް ބަޔާން ކޮށްފައިި އޮތުމުން، އެ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މެނުވީ އެ ތާރީޚު ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ މެންބަރުކަމާ މެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޙުކުމުގައި ކޯޓު އަމުރުން އެނގެން އޮންނަ ކަމަށް ބުނެފައިވެއެވެ.

 

ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދުނެވެ.

 

ސުޕްރީމް ކޯޓުން މީގެ ކުރިން ޝަރީއަތުގެ މަޖިލިސް ބާއްވައިގެން ހުކުމް ކުރި ނަމަވެސް، މި ހުކުމް ކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހެއްގައެއް ނޫނެވެ. މެންބަރުންގެ ވަކީލުންތައް ކޯޓަށް ހާޒިރުކޮށްގެން ހުކުމް ހަވާލުކުރީ އިރުއޮއްސި 6:00 ހާއިރު އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް