ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރުންގެ ގޮނޑި ގެއްލުނު ކަމަށް ބުނާ މައްސަލައިގައި އިތުރު ސުވާލުތަކެއް އުފެދޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ނެރެފި އެވެ.
ސުޕްރީމް ކޯޓުން އާދިއްތަ ދުވަހުގެ ރޭ ނެރުނު ހުކުމުގައި ބުނެފައިވަނީ ޖުލައި 13 ވަނަ ދުވަހު ނެރުނު ހުކުމުގައި އަޙްކަމްތަކަށް ފެތޭނީ އެ ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚް ކަމުގައިވާ 13 ޖުލައި 2017 ގެ ފަހުން ހިނގާ ކަންތައްތަކުގެ މައްޗަށް ކަމަށްވެފައި، އަދި އެ ޤަޟިއްޔާގައި ކަނޑައަޅައިފައިވާ އަޙްކަމްތައް އެ ކޯޓުން ނެރުނު އަމުރުގެ ޒަރީއްޔާއިން އިތުރަށް ކަށަވަރު ކޮށްދެވިފައި އޮތުމާއެކު އަދި އެ ޤަޟިއްޔާއަކީ ޙުކުމް ކުރި ތާރީޚުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި ބައެއްގެ މެންބަރުކަމާ މެދު ވަކިގޮތެއް ކަނޑައެޅުމުގެ ބަދަލުގައި އެ ތާރީޚުގެ ފަހުން އެ ފަރާތްތަކުން ޢަމަލުކުރާ ގޮތެއްގެ މައްޗަށް ތަޠުބީޤުވެގެން އަޙްކަމްތަކެއް ބަޔާން ކުރާ ޤަޟިއްޔާއެއް ކަމަށެވެ.
އަދި އެ ޤަޟިއްޔާގެ ދަށުން އެ ޤަޟިއްޔާގައި ބުނެފައިވާ ސަބަބުތަކަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މެންބަރުކަން ގެއްލޭނެ ގޮތްތައް ބަޔާން ކޮށްފައިި އޮތުމުން، އެ ޤަޟިއްޔާގައި ކަނޑައެޅިފައިވާ ގޮތުގެމަތިން މެނުވީ އެ ތާރީޚު ހަމައަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިބި މެންބަރުންގެ ތެރެއިން އެއްވެސް މެންބަރެއްގެ މެންބަރުކަމާ މެދު ޚިލާފެއް އުފެދެންޖެހޭ ސަބަބެއް ނެތް ކަމަށް ސުޕްރީމް ކޯޓުގެ ބުނެވިދިޔަ ޙުކުމުގައި ކޯޓު އަމުރުން އެނގެން އޮންނަ ކަމަށް ބުނެފައިވެއެވެ.
އެ ޙުކުމުގައި ބުނެފައިވަނީ އެ ޙުކުމް ކުރި ތާރީޚުން ފެށިގެން އެ ޙުކުމުގައި ބަޔާން ކޮށްފައިވާ އަޙްކަމްތައް ތަޠްބީޤުކޮށް ތަންފީޛުކުރުމުގެ އިޖުރާއަތު ސިފަކޮށް ބަޔާންކޮށް ފްލޯރ ކްރޮސިންގ ކުރުމުގެ މައްސަލައަށް ޤާނޫނީ ޙައްލެއް ދެވިފައި ވާތީ އާއި ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީ އާއި ޤާނޫނު މާނަކުރުމުގައި އަދި ޝަރީޢަތުން ބަލައި އެނޫން ވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމި ނިންމުމަކީ އެންމެފަހުގެ ނިންމުން ކަމަށް ސާފުބަހުން ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމާއި އަދި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފަރާތުގެ ޙައިސިއްޔަތުން ޤާނޫނުގައި ކަން އޮތްގޮތް ބަޔާންކޮށް ސުޕްރީމް ކޯޓުން ނިންމައިފައިވާ ނިންމުމެއް އޮތުމާއެކު އަދި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެ މައްސަލައެއްގެ އެންމެފަހުގެ ނިންމުން ކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެފައިިވާ ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރުނު ހުކުމުގައި ބުނެފައިވަނީ ޤާނޫނީ ގޮތުން ޙައްލު ދެވިފައިވާ މި މައުޟޫއާ ގުޅިގެން އިތުރު ޙުކުމެއްކުރަން ނުޖެހޭތީ، ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) އާއި ޤާނޫނުއަސާސީގެ 299 ވަނަ މާއްދާގެ (ހ) އާއި އަދި ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގެ މައްޗަށް ރިޢާޔަތްކޮށް ސުޕްރީމް ކޯޓުން މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތުތައް ބަޔާންކޮށް ކުރި ޙުކުމަށް ފަހު، މެންބަރުން ހުށަހެޅިފައިވާ މައްސަލަތަކަކީ ޤާނޫނުއަސާސީގެ 74 ވަނަ މާއްދާގެ ދަށުން ބަލައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ތަނެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފޤުން ނިންމާފައިވާ ކަމަށެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ހަ މެންބަރުންގެ ތެރެއިން މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމާއި، ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލްލަތީފް މުހައްމަދު އެވެ.
މި ހަތަރު މެންބަރުންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އެދިފައި ވަނީ އެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅައި ދެއްވުމަށެވެ. މީގެ އިތުރުން، މި މައްސަލަތަކުގައި ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަށާއި، ބާއްވަން ނިންމާފައިވާ ބައި-އިލެކްޝަންތައް ހުއްޓުވައި ދިނުމުގެ ވަގުތީ އަމުރަކަށް މެންބަރުން އެދުނެވެ.
ސުޕްރީމް ކޯޓުން މީގެ ކުރިން ޝަރީއަތުގެ މަޖިލިސް ބާއްވައިގެން ހުކުމް ކުރި ނަމަވެސް، މި ހުކުމް ކޮށްފައިވަނީ ޝަރީއަތުގެ މަޖިލީހެއްގައެއް ނޫނެވެ. މެންބަރުންގެ ވަކީލުންތައް ކޯޓަށް ހާޒިރުކޮށްގެން ހުކުމް ހަވާލުކުރީ އިރުއޮއްސި 6:00 ހާއިރު އެވެ.