ރާއްޖެއިން މިއަހަރު ހައްޖަށް ދިއުމަށް ފަހުވަގުތު އިތުރަށް ލިބުނު ކޯޓާގެ ދަށުން ހައްޖު ކޯޕަރޭޝަނުން ހައްޖަށްދާ މީހުން ފުރައިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ހައްޖަށް ފުރާ 300 ހައްޖާޖީން ފުރާފައި ވަނީ އާދިއްތަ ދުވަހުގެ މެންދުރު 1.00 ގައި ކަމަށެވެ.
އަލަށް ލިބުނު ކޯޓާގެ ތެރެއިން 500 ކޯޓާ ހައްޖު ކޯޕަރޭޝަނަށް ދޫކުރި ނަމަވެސް ޔާމީން ވިދާޅުވީ، ވަގުތުގެ ދަތިކަމާއި، ކޯޓާ ލިބުނުލެއް ފަސްކަމާއިއެކު އަނެއް 200 ކޯޓާއަށް ވާވަރަށް މީހުން ހަމަވެފައި ނުވާ ކަމަށެވެ.
އެ ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން އާދީއްތަ ދުވަހު ފުރާއިރު މިހާރު ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި 694 ހައްޖުވެރިއަކު ވަނީ ހައްޖުވުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައެވެ.
ފަހުން ލިބުނު ކޯޓާގެ ދަށުން ހައްޖަށް ފުރާ މީހުން ފުރުމަށް ހަމަޖެހިފައި ވަނީ ސައުދީ އެއާލައިންގެ ބޯޓެއްގައި ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ. އަދި އެ 300 މީހުންނަށް ބޭނުންވާނެ ހުރިހާ އިންތިޒާމްތަކެއް މިހާރު އެކޮޅުގައި ހަމަޖެހިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
މި 300 ހައްޖާޖީންގެ އިތުރުން މިއަހަރު ރާއްޖެއިން 1,000 މީހުން ވަނީ ހައްޖަށް ގޮސްފައެވެ.