ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 11:35
ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ
ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާ
ރާއްޖެއެމްވީ
ފިޔާޒުގެ ޝަރީއަތް
ފިޔާޒަށް ހުކުމް ކުރުން ކުއްލި ގޮތަކަށް މިއަދު 3:00 އަށް ތާވަލު ކޮށްފި
އަތްލުމުގެ ކުށުގެ ދައުވާކޮށް ހިންގާ ޝަރީއަތެއް
މިމަހުގެ 10 ވަނަ ދުވަހަށް ވެސް ހުކުމް ކުރުން ތާވަލުކުރި
ފުލުހެއްގެ ގައިގައި އަތްލި ކަމަށް ބުނެ

ރާއްޖެޓީވީގެ ޗީފް އޮޕްރޭޓިންގ އޮފިސަރ ހުސެއިން ފިޔާޒް މޫސާއާ މައްޗަށް ދައުލަތުން ކޮށްފައިވާ  އަތްލުމުގެ ކުށުގެ ދައުވާގެ ހުކުމް ކުރުން ކުއްލި ގޮތަކަށް މިއަދަށް ތާވަލުކޮށްފި އެވެ.

ފިޔާޒަށް ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މިއަދު މެންދުރު ފަހު 3:00 އަށެވެ. މިއަދު ހެނދުނު ނެރުނު ކްރިމިނަލް ކޯޓުގެ ތާވަލުގައި ފިޔާޒުގެ މައްސަލައެއް ނެތެވެ. މި މައްސަލަ ތާވަލުކޮށްފައި މިވަނީ ކުއްލި އަކަށެވެ.

ފިޔާޒަށް ހުކުމް ކުރުން މިމަހުގެ 10 ވަނަ ދުވަހަށް ވެސް ތާވަލުކުރި އެވެ. އެހެން ނަމަވެސް، ކޯޓުން ވަނީ ފިޔާޒަށް ހުކުމް ކުރުން ފަސްކޮށް، އެ އަޑުއެހުން ކެންސަލް ކޮށްފަ އެވެ.

ފިޔާޒަށް ހުކުމްކުރުމާ ގުޅޭ ގޮތުން ރާއްޖެޓީވީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޖިނާއީ ކުށެއް ކުރިކަމަށް ތުޙުމަތުކޮށް، ފިޔާޒްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ، ވުޖޫދުގައި ނެތް މައްސަލައެއް އުފައްދައިގެން ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވާފައިވާ ދަޢުވާއެއް ކަމަށް ދެކޭ ކަމަށެވެ. 

އެގޮތުން ފާއިތުވެދިޔަ ދޮޅު އަހަރު، އެކި ދުވަސްމަތިން ފިޔާޒް ކޯޓަށް ގެންގޮސް ކުރެވިފައިވާ ތުޙުމަތު ސާބިތުކޮށްދެވޭތޯ ޕްރޮސެކިއުޓަރ ޖެނެރަލް ކުރެއްވި ކޮންމެ މަސައްކަތަކުން މިއީ އަސްލެއް ނެތް މައްސަލައެއްކަން އިތުރަށް ހާމަވެގެން ދިޔަކަން ފާހަގަކޮށް، ރާއްޖެޓީވީގެ ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ދައުލަތުން ހުށަހެޅި ހެކީންނަށް ޝަރީޢަތުގެ މަޖިލީހުގައި، ޝައްކެއް ނެތް މިންވަރަށް އެކަށީގެންވާ ހެކި ހުށަހެޅިފައިވާކަމަށް ދިފާޢީ ވަކީލުންވެސް ނުދެކޭ ކަމަށާ، ހެކިންގެ ހެކިބަހުގައި ވަރަށް ސާފުކޮށް، ފުށުއެރުންތައް ހިމެނޭ ކަމަށެވެ. 

ރާއްޖެޓީވީގެ މި ބަޔާނުގައި ވަނީ، ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުގައި ހުރި ބައެއް ފުށުއެރުންތަކާއި، މައްސަލަ ހުށަހެޅުމުގައި ހުރި ސުވާލު އުފެދޭ ބައެއް ކަންކަން ފާހަގަ ކޮށްފައެވެ. 

ފިޔާޒްގެ މައްސަލައިގައި ދައުލަތުން ހުށަހެޅި 3 ހެކިންގެ ތެރޭގައި ރުހުމަކާ ނުލައި ފިޔާޒް އަތްލި ކަމަށް ބުނެ މައްސަލަ ހުށަހެޅި ފުލުހުންގެ މީހާވެސް ހިމެނެއެވެ. އަދި އޭނާގެ ހެކިބަސް މި މައްސަލައިގައި ނެގިއިރު އޭނާގެ ގައިގައި ފިޔާޒް އަތްލި ގޮތް ސާފުކޮށް ކިޔައިދެވިފައެއް ވެސް ނުވެއެވެ. އަދި ފިޔާޒް އެ އަމަލު ހިންގި ކަމަށް ބުނެ ހެކިބަސްދިން އިތުރު ހެކިބަހުގައި އެންމެ ކުޑަމިނުން އެމީހުންނާ ފިޔާޒް އާއި ދެމެދު ހުރި ދުރުމިން އެއްގޮތަކަށް ބުނެއެއް ނުދެވުނެވެ. މިކަން މިހެން އޮތްއިރު، ފުރަތަމަ މައްސަލަ ހުށަހެޅީވެސް މީހެއްގެ ގައިގައި ޖެހިކަމަށް ބުނެއެވެ. ފަހުން އެކަން އަތްލިކަމަށް ބަދަލުވެ، ދައުވާ އުފުލުނީ އަތްލިކަމުގެ  ތުޙުމަތުގައެވެ.

ނޫސްވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކޮށް، އެތައް ބަޔަކާއެކު ފިޔާޒު މަސައްކަތް ކޮށްފައިވާއިރު މިފަދަ ކަމެއްގެ ތުޙުމަތު ވެސް ފިޔާޒާ މެދު ކުރެވިފައިނުވާކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ، މި މައްސަލައިގައި ޙައްޤަށް ނަޞްރު ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށާ، ކޮންމެހެން ވެސް ފިޔާޒަށް އަދަބެއް ދިނުމުގެ ނިޔަތުގައި ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވަމުން ގެންދަވާ މަސައްކަތް ނާކާމިޔާބުވެ، ފިޔާޒަށް އިންސާފު ލިބުމަށް ރާއްޖެޓީވީން އުއްމީދު ކުރާ ކަމަށެވެ.

ފިޔާޒުގެ މައްޗަށް ކުރާ ދައުވާގައި ބުނެފައިވަނީ، މުލިއާގެ ކައިރިން ފެނުނު ބޮމެއް، މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ނައްތާލުމަށް ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުންދަނިކޮށް، އެ ސަރަހައްދުން ފިޔާޒު ނުގޮސް، ފުލުހެއްގެ މޭ މަތީގައި ޖަހާފައިވާ ކަމަށެވެ. އެ މައްސަލައިގައި ފިޔާޒުގެ މައްޗަށް ފުރަތަމަ ކުރީ ޖެހުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް ފަހުން އެ ދައުވާ އަނބުރާ ގެންދިއުމަށް ފަހު، އަތްލުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފަ އެވެ.

ފިޔާޒުގެ މައްސަލަ ބައްލަވަނީ ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް އެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް