ސިންގާ ބޭނުންވަނީ ބަކަރި ކާލަން ކަމަށްވާނަމަ، ކާލަންނުޖެހޭ ސަބަބެއް ބަކަރީގެ ފަރާތުން ސިންގާއަކަށް ނުދެއްކޭނެ ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުލް ބާރީ ޔޫސުފް ސުވާލު ކުރައްވައިފި އެވެ.
މިހާރު ޖުވެނައިލް ކޯޓުގެ ގާޒީއެއްގެ މަގާމުގައި ހުންނެވި ބާރީ ގެންދަވަނީ ކުރިން ދައްކަވާފައިނުވާ ފަދަ ވާހަކަތަކެއް އޭނާގެ ފޭސްބުކްގައި ލިޔުއްވަމުންނެވެ. އެގޮތުން ސިންގާއަކާއި ބަކަރިއެއްގެ މިސާލެއް ހުކުރު ދުވަހު ވަނީ ނަންގަވާފަ އެވެ.
ގާޒީ ބާރީ ވިދާޅުވީ "ސިންގާ ބޭނުންވަނީ ބަކަރި ކާލަންކަމަށްވާނަމަ، ބަކަރި ކާލަންނުޖެހޭ އެއްވެސް ސަބަބެއް، ބަކަރީގެ ފަރާތުން ސިންގާއަކަށް ނުދެއްކޭނެ" ކަމަށެވެ.
ބާރީ ވަނީ ފޭސްބުކްގައި ސުވާލެއް ވެސް ކުރައްވާފަ އެވެ. "މީސްތަކުންނަށް އަނިޔާވެރިވާނެ ގޮތާއި، މީސްތަކުންގެ މުދަލާއި ފައިސާ ފޭރޭނެ ގޮތް ބަޔަކު ކިޔައިދިނުމުން، އެމީޙުން އެދޭ ހުރިހާ ކަމެއް، އެމީހުން އެދޭހާ ގޮތަަށް ކޮށްދޭ މީހާއަށް ވުރެ އަނިޔާވެރި މީހަކު ހުންނާނެތޯ" ބާރީ ވަނީ ސުވާލުކުރައްވާފަ އެވެ.
މީގެ އިތުރުން ބާރީ ވިދާޅުވެފައިވަނީ "ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަން ބޭނުންނުވާނަމަ އެ ތަކެތި ހަދައި، ތަސްދީގުކޮށް، ގެޒެޓުކޮށް، ޝާއިއު ކުރުމުގެ އެއްވެސް ބޭނުމެއް ނެތް" ކަމަށެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ގާޒީ ބާރީ ވަނީ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވަރުގަދަ އިންޒާރެއް ވެސް ދެއްވާފަ އެވެ. ނަމަވެސް އެއީ ކޮން ބަޔަކަށް ނުވަތަ ކާކަށް ނިސްބަތްކޮށް ލިޔުއްވި އެއްޗެއް ކަމެއް ވިދާޅުވެފައެއް ނުވެ އެވެ.
ގާޒީ ބާރީ ވިދާޅުވީ "ހަމަ ކަށަވަރުން "އެބައި މީހުންނަކީ" އަނިޔާވެރި ޖާހިލު ބައެއް" ކަމަށެވެ. އަދި "އެއީ ކޮން ބައެއް ކަމާއި، އެބައިމީހުންގެ އަނިޔާވެރިކަމާއި ޖާހިލުކަމުގެ ތަފްސީލު އަންނަނީ...." ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެއެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނަވަނިކޮށް، ޖުޑިޝަލް ސަރވިސް ކޮމިޝަން(ޖޭއެސްސީ) އިން ވަނީ ޖުލައި މަހުގެ 11 ވަނަ ދުވަހު ގާޒީ ބާރީ ޖުވެނައިލް ކޯޓަަށް ބަދަލުކޮށްފަ އެވެ. ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރި ދައުވާގެ ޝަރީއަތަށް ދައުލަތުގެ ވަކީލުން ހާޒިރުނުވުމުން ދައުވާ ބާތިލްކޮށް ފޮނުވާލިތާ ގިނަ އިރުތަކެއް ނުަވަނީހެވެ.
ގާސިމްގެ މައްޗަށް އަލުން ދައުވާކޮށް ޝަރީއަތް ހިންގިއިރު، ބުރާސްފަތި ދުވަހުގެ މެންދުރު ބޭއްވި އަޑުއެހުމަށް ވަޑައިގެން އުޅުއްވަނިކޮށް ކޯޓް ތެރެއަށް ގާސިމް ވެއްޓުނެވެ. ގާސިމަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް ޣައިރު ހާޒިރުގައި އެމަނިކުފާނު ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.