ކ. މާލެ
|
27 އޯގަސްޓް 2017 | އާދީއްތަ 05:57
އެމެރިކާގެ ރައީސް ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް
ގެޓީ އިމޭޖަސް
އެމެރިކާ
ޓްރަމްޕަށް އިންޒާރު ދޭން ވެނެޒުއެލާ އިން އަސްކަރީ ތަމްރީނުތަކެއް ފަށައިފި
މިއަސްކަރީ ތަމްރީންތަކުގައި އަސްކަރީ ތަމްރީނުތަކުގައި 76،000 ސިފައިން ބައިވެރިވޭ

ވެނެޒުއެލާއާ ދެކޮޅަށް އަސްކަރީ ފިޔަވަޅު އަޅަން ޖެހިދާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާތީ އެކަމަށް އިންޒާރު ދިނުމުގެ ގޮތުން ވެނެޒުއެލާ އިން ދެ ދުވަހުގެ އަސްކަރީ ތަމްރީނުތަކެއް ފަށައިފި އެވެ.

ވެނެޒުއެލާ އިން ބާއްވާ ތަމްރީނުތަކުގައި ބައިވެރިވާ ސިފައިންގެ އަދަދާއި ތަމްރީނުތައް ކުރިއަށްދާ ގޮތް ހާމަކޮށްފައެއް ނުވެ އެވެ. މިދިޔަ ޖެނުއަރީ މަހު ވެނެޒުއެލާ އިން ބޭއްވި އަސްކަރީ ތަމްރީނުތަކުގައި 76،000 ސިފައިން ބައިވެރިވެފައިވެ އެވެ.

ވެނެޒުއެލާގައި މިދިޔަ މަހު ގަދަބާރުން ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބު ބާއްވާފައިވާތީ އެމެރިކާ އިން ވަނީ އެ ގައުމުގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު ވެސް އަޅައިފަ އެވެ. ވެނެޒުއެލާ އަށް އަސްކަރީ ހަމަލާ ދީފާނެ ކަމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ ޓްރަމްޕް އިންޒާރު ދެއްވާފައި ވަނީ މި މަހު 11 ވަނަ ދުވަހު އެވެ.

އެމެރިކާގެ އިންޒާރުތަކާ ގުޅިގެން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރާ ވިދާޅުވެފައި ވަނީ އެ ގައުމުގެ ބޭނުނަކީ އޭނާގެ ވެރިކަން ވައްޓާލާ ވެނެޒުއެލާގެ ތެލުގެ މުއްސަނދިކަމުގެ މައްޗަށް ވެރިވެގަތުން ކަމަށެވެ.

މަދޫރާ އިސްތިއުފާ ދިނުމަށް ބައިނަލްއަގުވާމީ ފަރާތްތަކާއި ގައުމުގެ އިދިކޮޅު ފަރާތްތަކުން ޕްރެޝަރު ކުރަމުން ދިޔަ ނަމަވެސް އޭނާ އަށް ލިބިފައިވާ ބާރަކީ ސިފައިންގެ ކޮންޓްރޯލް އޮތުމެވެ. އިދިކޮޅު ފަރާތްތަކުން ވަނީ މަދޫރާ ދޫކޮށްލުމަށް ސިފައިންނަށް ގޮވާލައިފަ އެވެ.

ސިފައިންނާ ބައްދަލު ކުރައްވާ މަދޫރާ ބުރާސްފަތި ދުވަހު ވަނީ ގައުމު ދިފާއު ކުރުމުގައި ސިފައިންގެ ސަފުތައް ބަދަހިކަން މަތީ ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި ހިތުގައި ޝައްކެއް އުފެދޭ މީހަކު ނަމަ ވަޒީފާ ދޫކޮށްލުމަށް ވަނީ އެދިވަޑައިގެންފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް