ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހަށިފާރަވެރިންގެ ތެރޭގައި ހިމެނޭ އެސްޕީޖީގައި މަސައްކަތް ކުރާ ސިފައިންގެ މީހަކު ވަޒީފާއިން ވަކިކޮށްފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ 21 ވަނަ ދުވަހު ސިފައިންގެ ވަޒީފާއިން ވަކިކޮށްފައި ވަނީ އަހުމަދު ފާއިޒް (މަގޫ) އެވެ.
އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ސިއްރު މައުލޫމާތެއް ހާމަކުރި ކަމުގެ ތުހުމަތުގައެވެ. އަދި މިހާރު އޭނާ ހުރީ ރާއްޖެއިން ބޭރުގައި ކަމަށް ވެސް ރާއްޖެ އެމްވީއަށް ވަނީ އެނގިފައެވެ. އޭނާ ހާމަކުރި ސިއްރު މައުލޫމާތަކީ ކޮބައިކަމެއް އަދި އެނގިފައެއް ނުވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފްވެސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި " އަހުމަދު ފާއިޒް (މަގޫ) މިމަހުގެ 21 ވަނަ ދުވަހު ސިފައިންގެ ވަޒީފާއިން ވަކިކުރީ ސިއްރު މައުލޫމާތެއް ހާމަކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ. އަދި މަހްލޫފް ވަނީ ބޭނުންވަނީ ކާކަށް އޮޅުވާލަންތޯއޭ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.
Ahmed Faiz(Magoo)
— Ahmed Mahloof (@AhmedMahloof) August 26, 2017
21/8/17 ga @MNDF_Official inn vakikuree sirru mauloomaath haamakuri kamuge thuhumathuga.Kaakahtho olhuvaalan beynunvanee? pic.twitter.com/LqH69EiZCW
މިކަމާ ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ވަނީ އދަި ލިބޭގޮތް ނުވެފައެވެ. ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އަދި އެމްއެންޑީއެފުން ޖަވާބު ދެއްވާފައެއް ނުވެއެވެ. ނަމަވެސް އެމްއެންޑީއެފުން ކުރިން ބުނެފައި ވަނީ ލީކުވި ޑިފެންސް މިނިސްޓަރގެ އޯޑިއޯއާ ގުޅިގެން ސިފައިންގެ އެއްވެސް މީހަކު ވަޒީފާއިން ވަކިކޮށްފައި ނުވާކަމަށެވެ.
ޑިފެންސް މިނިސްޓަރުގެ އޯޑިއޯ ލީކް ކޮށްލުމުން އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި އެސްޕީޖީގެ ގިނަ އަދަދެއްގެ ސިފައިން މީގެ ކުރިން ސިފައިންގެ ތެރޭގައި ހައްޔަރުކުރި ކަމަށް މީޑިއާގައި ރިޕޯޓް ކުރުމުން އޭރު އެ ވާހަކަތައް ވެސް އެމްއެންޑީއެފުން ދޮގުކޮށްފައިވެ އެވެ.
ނަމަވެސް އެއޯޑިއޯއާއި ގުޅިގެން ސިފައިންގެ ބައެއްގެ ފޯނުތައް ހިފަހައްޓައި އެފޯނުތައް ޗެކްކުރިކަން ރާއްޖެ އެމްވީއަށް ވަނީ ކަށަވަރުވެފައެވެ.