ސަރުކާރާއި ދެކޮޅަށް ގއ. ވިލިނގިލީގައި މުޒާހަރާ ކޮށްފިއެވެ.
ގއ. ވިލިނގިލީގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރިވި މީހުން ވަނީ ސަރުކާރުގެ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް ގޮވާލާފައެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ކުރެވުނު ހުކުމާ މެދު މުޒާހަރާގެ ބައިވެރިން ވަނީ ނުރުހުން ފާޅުކޮށް ޝުއޫރު ފާޅުކޮށްފައެވެ. އަދި ހައްޔަރު ކޮށްފައިވާ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނު މިނިވަން ކުރުމަށާއި، ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރެއްގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެންދިއުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ވިލިނގިލީގައި މުޒާހަރާ ކުރި ބައެއް މީހުން "އަދުލުއިންސާފު" ޑިމޮކްރެސީ" ގާނޫނުއަސާސީ" ޖަހާފައިވާ ސައްދޯއްތަކެެއް ހިފައިގެން ހިނގިއިރު، އަނެއް ބަޔަކު ތިބީ ފައިސާ އާއި ގާނޫނު އަސާސީއާ ދޮކޮޅަށް ލިޔުންތަކެއް ހުރި ތިލަފަތްތަކެއް ހިފައިގެންނެވެ.
ގިނަ އަދަދެއްގެ ވިލިނގިލީ އާއްމު ރައްޔިތުން ބައިވެރިވި މި މުޒާހަރާގައި، ސަރުކާރުގެ އަނިޔާވެރިކަމާއި ރައީސް ޔާމީންގެ އިސްތިއުފާއަށް ގޮވާލަމުންދިޔައިރު، ބައެއް މީހުން ތިބީ ކަރުދާހުން ހަދާފައިވާ، ފިނިފެންމާތަކެއް ހިފައިގެންނެވެ.
ވިލިނގިލީގައި ސަރުކާރާއި ދެކޮޅަށް ހޮނިހިރު ދުވަހު މުޒާހަރާއެއް ބޭއްވިއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރހިމްގެ މައްޗަށް ވަނީ ރިޝްވަތުދޭން އުޅުނުކަމުގެ ކުށް ސާބިތުކޮށް 3 އަހަރާއި 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.