ބޭސްފަރުވާއަށް ގައިދީއަކު ރާއްޖެއިން ބޭރަށް ފޮނުވުމަށް ފުރިހަމަކުރަންޖެހޭ އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް(އެމްސީއެމް) އިން ބުނެފި އެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ކަރެކްޝަނުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގާސިމް ފޮނުވުމަށްޓަކައި ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންނަމަވެސް، އެ އިޖުރާއަތްތައް ފުރިހަމަކޮށް ނިމޭނެ ކަމަށް ބެލެވޭ ތާރީޚެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
އޮފިޝަލް ވިދާޅުވީ އިޖުރާއަތްތައް ފުރިހަމަ ކުރެވުނުހާ އަވަހަކަށް ގާސިމް ރާއްޖެއިން ބޭރަށް ފުރުވާލާނެ ކަމަށެވެ.
ޣައިރު ހާޒިރުގައި ގާސިމް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ބުރާސްފަތި ދުވަހުގެ ރޭ ކުރި ހުކުމުގައި ބުނެފައި ވަނީ، ގާސިމްގެ މައްޗަށް ސާބިތުވާ ކުށުގެ އަދަބު ތަންފީޒުކުރަމުންދިޔަ ނަމަވެސް، އަދި ޤާސިމްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބު ތަންފީޒުކުރުމަކީ، ރާއްޖެއިން ބޭރުން ހެދުމަށް ޤާސިމް ބެއްލެވި ޑޮކްޓަރު ލަފާދެއްވާފައިވާ ޓެސްޓްތައް ހެދުމާއި، ލިބެންޖެހޭ ފަރުވާ ޤާސިމަށް ލިބުމަށް އޮތް ހުރަހަކަށްވެގެން ނުވާނެ ކަމަށެވެ.
ގާސިމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް ޣައިރު ހާޒިރުގައި ކުރި ހުކުމުގައި ވަނީ އެ ފަރުވާތައް ޤާސިމަށް ރާއްޖެއިން ބޭރުން ހޯދޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ކަމާބެހޭ އިދާރާތަކުގެ މައްޗަށް އަމުރުކޮށްފަ އެވެ.
ޖުމްހޫރީ ޕާޓީން ވަނީ ކޯޓުގެ ހުކުމަތް ކިޔަމަންވެ ވީހާ ވެސް އަވަހަކަށް ގާސިމް އަށް ރާއްޖެއިން ބޭރުން ފަރުވާ ހޯއްދެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް ސަރުކާރަށާއި މުއައްސަސާތަކަށް ގޮވާލާފަ އެވެ. އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ކަރެކްޝަނުން ތަންފީޒް ކުރަމުންދަނީ ހުކުމުގެ އެއްބައި ކަމަށާއި އަނެއް ބައި ތަންފީޒް ކުރަމުންނުދާ ކަމަށެވެ.
ބުރާސްފަތި ދުވަހުގެ މެންދުރު ކޯޓު ތެރެއަށް ވެއްޓުމުން ގާސިމް ހޮސްޕިޓަލަށް ގެންދެވުނު ގޮތަށް އެޑްމިޓް ކޮށްފައިވާއިރު، ކަރެކްޝަނުން ވަނީ ހުކުރު ދުވަހުގެ މެންދުރު އައިޖީއެމްއެޗްއަށް ގާސިމްއާ ހަވާލުވެފަ އެވެ. ގާސިމް އޮންނެވި ކޮޓަރިއަށް އާއިލާ ބޭފުޅުންނަށް ވެސް ވަދެވެނީ ކަރެކްޝަނުގެ ހުއްދައާއެކު އެވެ.
ގާސިމް ބެއްލެވި އައިޖީއެމްއެޗްގެ ހިތުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގު ދެއްވާފައިވާ ލިޔުމުގައިވާ ގޮތުން ރާއްޖޭން ހެދެން ނެތް ހިތުގެ ދެ ޓެސްޓެއް ހެދުމަށްޓަކައި ގާސިމް ވީހާ ވެސް އަވަހަކަށް ރާއްޖޭން ބޭރަށް ގެންދަވަންޖެހެ އެވެ.
ޑޮކްޓަރު ވިދާޅުވެފައިވާ ދެ ޓެސްޓަކީ އިލެކްޓްރޮފިޒިއޮލޮޖީ ސްޓަޑީޒް (އީޕީއެސް) އާއި ރޭޑިއޯފްރެކްއެންސީ އެބްލޭޝަން (އާރުއެފްއޭ) އެވެ. މި ދެ ޓެސްޓް ނުހަދައި އެކަށީގެންވާ ފަރުވާއެއް ނުދެވޭއިރު، ފަރުވާ ދެއްވުން ލަސްކޮށްފި ނަމަ ގާސިމްގެ ހިތުގެ ވިންދު ގޯސްވެ، ފުރާނައަށް ނުރައްކާ ވެދާނެ ކަމަށް ޑޮކްޓަރުގެ ލިޔުމުގައި ބުނެފައިވެ އެވެ.