އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ މިސްކިތަކަށް އައިސިސް ޖަމާއަތައް ނިސްބަތްވާ މީހަކު ބަޑިން ހަމަލާދީ 20 މީހުން މަރާލާ 50 މީހުން ޒަޚަމް ކޮށްލައިފިއެވެ.
މިސްކިތައް ބަޑި ހިފައިގެން ވަދެގަތުމުގެ ކުރިން މިސްކިތުގެ ސެކިއުރިޓީ ޕޯސްޓަށް ގޮވާ ތަކެތިން ހަމަލާދީ ސެކިއުރިޓީ ގާޑު މަރާލި ކަމަށްވެސް އޭއެފްޕީން ބުނެފައިވެއެވެ.
މިއީ އަންހެނުންނާ ފިރިހެނުން ވަކިން ނަމާދު ކުރާ ގޮތައް ދެބުރިއަށް ހަދާފައިވާ މިސްކިތެކެވެ.
ޝިއީންގެ މި މިސްކިތައް ހަމަލާދިނީ ހުކުރު ނަމާދަށް މިސްކިތުގައި މީހުން ތޮއްޖެހިފައިވާ ވަގުތުގައެވެ.
މި ހާދިސާގައި ހުކުރު ނަމާދުގެ އިމާމު ވެސް ވަނީ މަރުވެފައެވެ.
އައިސިސް ޖަމާއަތުގެ ޚަބަރު ފަތުރާ އަލްއަމަގް ނިއުސް އޭޖެންސީން ބުނެފައިވާ ގޮތުގައި އައިސިސް އިން ބުނެފައިވަނީ އެ ޖަމާއަތައް ނިސްބަތްވާ ޝަހީދުންގެ ގޮތުގައި ވުމަށް އެދޭ ދެ މީހަކު މި އަމަލު ހިންގި ކަމަށެވެ.
އަފްޣާން އޮފިޝަލުން އޭ.އެފް.ޕީ އަށް މައުލޫމާތު ދެމުން ބުނީ، އެއްޗެއް ގޮއްވާލުމާއި، ބަޑިން ދިން ހަމަލާ އާ ގުޅިގެން މިސްކިތުން މިހާތަނަށް 20 މީހުން މަރުވެފައިވާކަން ކަށަވަރު ކުރެވިފައިވާ ކަމަށެވެ. އަދި 50 މީހުން މިހާތަނަށް ޒަޚަމްވި ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށެވެ.
ހުސްވި މަހު ކާބުލްގައި ހުންނަ އިރާގުގެ އެމްބަސީއަށްވެސް އައިސިސް އިން ވަނީ ހަމަލާދީފައެވެ.
ކާބުލްގައި ހުންނަ ޝިއީންގެ މި މިސްކިތައް އައިސިސް އިން ހަމަލާ ދިން އިރު ޝިއީން އަޅުކަން ކުރާ ހުރިހާ ތާކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އައިސިސް އިންވަނީ މީގެ ކުރިން ދީފައެވެ.
ހުސްވި މަހު ހެރަޓް ޕްރޮވިންސްގައި ހުންނަ ޝިއީ މިސްކިތަކަށްވެސް އައިސިސް އިން ވަނީ ހަމަލާ ދީފައެވެ. އެ ހަމަލާގައި 32 މީހުން މަރުވިއެވެ.