ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ފުލުހުން ދެމުންދިޔަ ސެކިއުރިޓީ ކަނޑާލާފައިވާ ކަމަށް ވިދާލުވެ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހުކުރު ދުވަހު މަޚްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ގެ އިތުރުން، ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ އަރީފަށް ފުލުހުން ދެމުންއައި ސެކިއުރިޓީ ކަނޑާލާފައިވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
Supreme Court ge fandiyaaru Adam Mohamed, Abdhullah Didi adhi Areef ge security @PoliceMv inn kandaalaafa vaathee kanboduvey
— Ahmed Mahloof (@AhmedMahloof) August 25, 2017
ފަނޑިޔާރުންގެ ސެކިއުރިޓީ ކަނޑާލާފައިވާކަމަށް ދެކެވޭ ވާހަކައާއި ގުޅިގެން، ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފުލުހުން ވީއައިޕީ ސެކިއުރިޓީ ފޯރުކޮށްދޭ ފަރާތްތަކުގެ ސެކިއުރިޓީ އާއި ބެހޭ ކަންކަމާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ހިއްސާ ނުކުރާކަމަށެވެ.
ފަނޑިޔާރުންގެ ސެކިއުރިޓީ އާއި ގުޅޭގޮތުން މިފަދަ ވާހަކަތަކެއް ފެތުރެމުންދާއިރު، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލައިގައި ޙުކުމް ކުރުމާއި ހަމައަށް މައްސަލަ ގޮސްފައި ވީނަމަވެސް އަދިވެސް އެ މައްސަލައިގައި ޙުކުމް ކޮށްފައެއް ނުވެއެވެ.
މައްސަލަ ހުށަހެޅުއްވި 4 މެންބަރުންގެ ދާއިރާތަކުގެ ވިހި ހާސް ރައްޔިތުންގެ މަސްލަޙަތު އޮތް މި މައްސަލައިގައި ޙުކުމް ލަސްވަމުންދާއިރު، ބައެއް ފަރާތްތަކުން ދަނީ މި މައްސަލައިގައި ޙުކުމް ލަސްވަނީ ސަރުކާރުން ބޭނުންވާ ގޮތާއި ޚިލާފަށް ޙުކުމް އޮތުމުން ކަމަށް ތުޙުމަތު ކުރަމުންނެވެ.
އެންމެ މަތީ ކޯޓަށް މިފަދަ ތުޙުމަތެއް ކުރެވުނު ނަމަވެސް، ޖުޑީޝަރީއަކީ ވަކި ބާރެއް ކަމަށާ، ފަނޑިޔާރުންނަށް އެއްވެސް ފަރާތެއްގެ ނުފޫޒު ނެތް ކަމަށް ބައެއް ފަނޑިޔާރުން ވަނީ ވިދާޅުވެފައެވެ.