ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ދައްކާ ހުރިހާ ވާހަކައެއް ފުހެވި ހިނގައްޖެ ކަމަށް، އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަތުލް ކޭޝަޕް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ޙުކުމާއި ގުޅިގެން، ކޭޝަޕް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދަންވަރު 1:30 ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަލިހާލު ދެރަވެފައި އޮއްވައި އެ މެންބަރުގެ ޣައިރު ހާޒިރުގައި، މެންބަރު ޖަލަށްލުމަށް ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާ ހަމަހަމަކަމަށް ބުނެ ދައްކާ ހުރިހާ ވާހަކައެއް ފުހެވި ހިނގައްޖެ ކަމަށެވެ.
A 1:30am court verdict jailing an ill, elected #Maldives #Majlis MP - sentenced in absentia - erases any pretense of judicial impartiality.
— Atul Keshap (@USAmbKeshap) August 25, 2017
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން ހުށަހެޅި ކަމަށް ބުނެ ކުރި ދައުވާ ސާބިތުކޮށް، 3 އަހަރާއި 2 މަހާއި 12 ދުވަހަށް ގާސިމް ޖަލަށް ލުމަށް ހުކުމްކުރީ، ޤާސިމް އާއި ޤާސިމްގެ ޤާނޫނީ ޓީމުގެ ޣައިރު ހާޒިރުގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުއެވެ.
ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އިއްވި ޙުކުމުގައި ގާސިމް ބޭސްފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. ޕާސްޕޯޓް ހިފަހައްޓައި، ޤާސިމްއަށް ކުރިމަތިވެފައިވާ ހިތުގެ އާލާސްކަންފުޅާއި ގުޅިގެން ހަދަންޖެހޭ، ރާއްޖެއިން ނުހެދޭ މުހިއްމު ދެ ޓެސްޓެއް ހެދުމަށް ރާއްޖެއިން ބޭރަށް ނުދެވޭގޮތަށް، ރާއްޖޭގައި "ރަހީނުކޮށްފައި" ބަހައްޓައިގެން ޤާސިމްގެ މައްޗަށް ޖަލު ޙުކުމް ކުރުމާއި އެކު ސަރުޚާރުން ވަނީ ޤާސިމްގެ ޕާސްޕޯޓް ދޫކޮށްފައެވެ.
ގާސިމަށް ތިން އަހަރުގެ ހުކުމެއް އިއްވުމާއި ގުޅިގެން، މަތީ ކޯޓުތަކުން އެ ޙުކުމް ދަމަހައްޓައިފިނަމަ، ޤާސިމް ފުރުއްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ.