ރޭ ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފު ކޯޓުން ދޫކޮށްލައިފި އެވެ.
މަހްލޫފް ހައްޔަރުކުރީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ޝަރީއަތް ބުރާސްފަތި ދުވަހުގެ ރޭ ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުންނެވެ. މަހްލޫފު ހައްޔަރުކުރީ އެ ސަރަހައްދުގައި ހުންނަވައި މީޑިއާއަށް އިންޓަވިއު ދެއްވަމުން ގެންދަވަނިކޮށެވެ.
މަހްލޫފުގެ ބަންދުގެ މުއްދަތު ޖެހުމަށް ހުކުރު ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފް ނިންމަވެނީ ޝަރުތެއް ނުކޮށް މަހްލޫފު ދޫކޮށްލުމަށެވެ.
މަހުލޫފްގެ ގާނޫނީ ވަކީލް މަހުފޫޒް ސައީދު ވިދާޅުވީ މަހުލޫފް 15 ދުވަހު ބަންދުގައި ބެހެއްޓުމަށް ފުލުހުން ކޯޓްގައި އެދުނު ކަމަށެވެ.
މަހްލޫފުގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކުރި އެމްޑީޕީގެ އަންހެނުންގެ ގޮފީހުގެ މެމްބަރަކު ވެސް ބަންދުގެ މުއްދަތު އިތުރު ނުކޮށް ކޯޓުން ވަނީ ހުކުރު ދުވަހު ދޫކޮށްލައިފަ އެވެ.