ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިއްވާފައިވަނީ ސިޔާސީ ހުކުމެއް ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން ހުށަހެޅި ކަމަށް ބުނެ ކުރި ދައުވާ ސާބިތުކޮށް، ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ގާސިމް ޖަލަށް ލުމަށް ހުކުމްކުރީ، އޭނާގެ ޣައިރު ހާޒިރުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގަ އެވެ.
ގާސިމް އިއްޔެ ކޯޓް ތެރެއަށް ވެއްޓުމާ ގުޅިގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެއްވަމުންނެވެ.
Strongly condemn politically motivated sentencing of Hon Gasim Ibrahim in absentia. Prez Yameen must allow urgent medical treatment for him.
— Mohamed Nasheed (@MohamedNasheed) August 25, 2017
ގާސިމަށް ކުރި ހުކުމާ ގުޅޭ ގޮތުން ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޣައިރު ހާޒިރުގައި ގާސިމަށް ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި ބޭސްފަރުވާ އަށް ހުއްދަ ދޭން ޖެހޭ ކަމަށެވެ.
އައިޖީއެމްއެޗްގައި ގާސިމް ބައްދަލަވާ ހިތުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގު ވިދާޅުވެފައިވަނީ ގާސިމް ހަދަންޖެހޭ ދެ ޓެސްޓެއް ރާއްޖެއިން ހެދެން ނެތް ކަމަށާއި ފަރުވާ ދިނުން ލަސްވެއްޖެ ނަމަ ފުރާނައަށް ނުރައްކާ ވެދާނެ ކަމަށެވެ.
ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އިއްވި ހުކުމުގައި ގާސިމް ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވަންޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް، އެކަމުގެ ހުއްދަ ސަރުކާރުން އަދި ނުދެ އެވެ.
ގާސިމަށް ތިން އަހަރުގެ ހުކުމެއް އިއްވުމާއެކު، ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ވަނީ އޭނާ އަށް ގެއްލިގެން ގޮސްފަ އެވެ.