މިފަހުން ރާއްޖޭގެ ތާރީޚުގައި އެއްފަހަރާ ވިއްކާފައިނުވާ ވަރުގެ ބޮޑު އަދަދެއްގެ ޓްރެޝަރީ ބިލް (ޓީބިލް) ވިއްކުމަށް ސަރުކާރުން ތައްޔާރުވެއްޖެ އެވެ.
ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ސަރުކާރުން ވިއްކުމަށް ނިންމާފައިވަނީ 1.2 ބިލިއަން ރުފިޔާގެ ޓީބިލެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން ސަރުކާރުން އެއް ފަހަރާ އެންމެ ބޮޑު އަދަދެއްގެ ޓީބިލް ވިއްކުމަށް ހުޅުވާލާ ފަހަރެވެ.
އެ ޓީބިލް ވިއްކުމަށް މިމަހުގެ 28 ވަނަ ދުވަހު ހުޅުވާލުމަށް ނިންމާފައިވާއިރު، ޓީބިލް ވިއްކަން ނިންމާފައިވަނީ 29 ވަނަ ދުވަހު އެވެ.
ފައިސާ ހޯދުމަށް 1.2 ބިލިއަން ރުފިޔާގެ ޓީބިލް ވިއްކުމަށް ސަރުކާރުން ނިންމާފައިވާއިރު، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ވެސް ބިލިއަނެއްހާ ރުފިޔާގެ ޓީބިލް ވިއްކާފައި ވެއެވެ.
މީގެ އިތުރުން، ތިން ފަހަރެއްގެ މަތިން މިމަހުގެ ތެރޭގައި ވެސް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ޓީބިލް ސަރުކާރުން ވިއްކާފައިވާ ކަމަށް އެމްއެމްއޭގެ ވެބްސައިޓުގައި ބުނެފައި ވެއެވެ.
ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް އާއްމުކޮށް ޓީ ބިލް ވިއްކަން ހުޅުވާލަނީ ހަފުތާއަކު އެއް ފަހަރު އެވެ. ޓީ ބިލް ވިއްކަނީ 28 ދުވަހަށާއި 91 ދުވަސް، 182 ދުވަސް އަދި 364 ދުވަހުގެ ތެރޭގައި ކަނޑައެޅޭ ވަކި އިންޓަރެސްޓް ރޭޓެއްގައި އަނބުރާ ދައްކާ ގޮތަށެވެ.
އެމްއެމްއޭގެ ވެބްސައިޓްގައިވާ ގޮތުން، ސަރުކާރުން މިހާތަނަށް ޖުމްލަ 21.7 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް އަދި އިސްލާމިކް ސެކިއުރިޓީސް ވިއްކާފައި ވެއެވެ. މިއީ ރާއްޖޭގެ ބަޖެޓްގެ 80 ޕަސެންޓަށް ވުރެ ވެސް މަތީ އަދަދެކެވެ. ރާއްޖޭގެ މި އަހަރުގެ ޖުމްލަ ބަޖެޓަކީ 26.8 ބިލިއަން ރުފިޔާއެވެ.
ސަރުކާރުން ވިއްކާ ޓީ ބިލްތައް އާއްމުކޮށް ގަންނަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކުންނެވެ.