މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމައި ރިޕޯޓް ދިނީ ކޯޓުން ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެެވެ.
ބުރާސްފަތި ދުވަހު ރޭ މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ، މިއަދު މަޖިލީހަށް ފަހު އެބޭފުޅުން ކޯޓަށް ގެންގޮސް ދެއްވި ސިޓީ އުރައިގައިގެ ތިރީގައި ލިޔެފައި އޮތީ "ސަރުކާރުގެ ޚިދުމަތުގައި" މިހެންނެވެ. . އެ ހިސާބުން އެބޭފުޅުންގެ މައްސަލަތައް ބަލަނީ ސަރުކާރުގެ ކޯޓަކުން ކަން އެނގިލެއްވި ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ދައުވާ ވެސް ކުރަނީ ސަރުކާރުން ކަމަށާއި، ޕްރޮސެކިއުޓާ ޖެނެރަލް މަސައްކަތް ކުރައްވަނީ ވެސް ރައީސް ގެ ލީގަލް ސެކެރެޓަރީގެ ގޮތުގައި ކަމަށެވެ.
"މިއަދު ހަގީގަތުގައި ވެސް އެނގިއްޖެ ކޯޓަކީ ސަރުކާރުގެ ތަނެއްކަން" އަލީ ހުސެއިން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މިކުރާ މަސައްކަތުގައި ވަރުބަލި ނުވާނޭ ކަމަށާއި، މިކަމުގައި ރައީސް ޔާމީން ދެކިލައްވާ ގޮތް ތަފާތުވެދާނޭ ކަމަށެެވެ. އަލީ ހުސެއިން ވިދާޅުވީ، އެބޭފުޅުން މިހާރު ތިއްބެވީ މިގައުމުގެ ހިމާޔާތުގައި ނުކުމެވަޑައިގެން ކަމަށެވެ. އަދި އެބޭފުޅުންގެ މަގުސަދު އަދި މަންޒިލް ނޯޅޭ ކަމަށާއި އެ މަސައްކަތަކީ ހިތުގެ އަޑިން ވަކި އުސޫލްތަކެއްގައި ކުރައްވާ އުފާވެރި މަސައްކަތްޕުޅެއް ކަމަށް ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ، ސީދާ ސަރުކާރަކީ ދައުލަތުގެ އެހެން މުއައްސަސާތަކާއި ވަކީން އޮންނަ އެއްޗެއް ކަމަށެވެ. ތިންބާރު ވަކިވެފައިވާ ނިޒާމެއްގައި ކޯޓަކީ ސަރުކާރުގެ ތަނަކަށް ވީމައި އިންސާފު ނުލިބޭނޭކަން އެނގިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޯޓްތައް ނުވަތަ ޖުޑީޝަރީ މުސްތަގިއްލުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކަންކަން މިހާ ހިސާބަށް ދިއުމުން އަޅުގަނޑުމެންގެ ހާލަތު ބަދަލު ކުރަން އިންޑިއާ އިން ނުވަތަ ލަންކާއިން ބަޔަކު ނާންނާނޭ ކަމަށެވެ. އަދި ހާލަތު ބަދަލުކުރާން ނުކުނަން ޖެހޭނީ ޚުދު ރައްޔިތުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަލީ ހުސެއިން ވިދާޅުވީ، ކަންކަން އިންތިހާއަށް ގޯސްވުމުން ބަލަން ނުތިބެ "އިނަފް އިޒް އިނަފް" އޭ ބުނެ ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ނުކުންނަން ޖެހޭ ކަމަށެވެ.