ހުޅުމާލެއިން ރޯހައުސް ބައްލަވައި ގަތުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނޯންނާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މުއިއްޒު ވިދާޅުވި ގޮތުގައި ރޯހައުސް ބައްލަވައި ގަތީ ހުޅުމާލޭގައި ރެއިންބޯއިން ތަރައްގީކުރާ ރޯހައުސްތަކުންނެވެ. އެތަން ބައްލަވައި ގަތީ އަމިއްލަފުޅަށް އެއްފަހަރާ ފައިސާ ދައްކަވާފައި ނޫން ކަމަށާއި ފައިސާ ދެއްކެވީ އެޗްޑީއެފްސީގައި މޯގޭޖްކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ ރޯހައުސްގެ ޑައުން ޕޭމަންޓް ދެއްކެވީ، މުއިއްޒުގެ ބައްޕާފުޅުގެ ތަރިކައިން ލިބިވަޑައިގެންނެވި ފައިސާއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މިއީ ގާނޫނާ ހިލާފު ކަމެއް ކަމަށް. އަޅުގަނޑު މި ގަތީ ދައުލަތުގެ ނުވަތަ ސަރުކާރުގެ ތަނެއް ނޫން. މިއީ އަމިއްލަ ފަރާތަކުން ތަރައްގީކުރާ ތަނެއް. މިތަން ގަތުމުގައި ގާނޫނާ ހިލާފު އެއްވެސް މުއާމަލާތެއް ކޮށްފައި ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މި ރޯ ހައުސް ބައްލަވައިގަތުމަކީ ގާނޫނުއަސާސީގެ 136 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވިދާޅުވެފައި ވަނީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދެވެ.
ވަޒީރުން ކުރުން މަނާ ކަންކަން ބަޔާންކުރާ މި މާއްދާގައި ބުނަނީ ދައުލަތުގެ މުދަލާއި ބިން ގަނެ، ނުވަތަ ކުއްޔަށް ހިފައިގެން ނުވާނެ ކަމަށެވެ. ދައުލަތާ އެހެން އެއްވެސް ފަރާތަކާ ދެމެދު ކުރެވޭ މުއާމަލާތެއްގައި ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު، އެ މެމްބަރެއްގެ މާލީ އެއްވެސް މަސްލަހަތެއް ބާއްވައިގެން ނުވާނެ ކަމަށް ވެސް ބުނެ އެވެ. މީގެއިތުރުން ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ އާމްދަނީ ހޯދަން ފަންނީ މަސައްކަތެއްގައި ޝާމިލުވެ، އާމްދަނީއެއް ލިބޭ ފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް، އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށް ވެސް މި މާއްދާގައިވެ އެވެ.
Minister row house gathun qaanoonu asaaseege 136 vana maahdhaa aa khilaafuvey pic.twitter.com/Sje9vU0dbM
— Husnu Al Suood (@hsuood) August 24, 2017
މިނިސްޓަރު މުއިއްޒު ހުޅުމާލެއިން ބައްލަވައި ގަތީ 3،388 އަކަފޫޓްގެ ރޯހައުސްއެކެވެ. އެތަނުގެ އަގަކީ 5.9 ރުފިޔާ އެވެ. އެ ރޯ ހައުސްއަށް ފައިސާ ދައްކާ ހަލާސްކޮށް ތަނުގެ މިލްކުވެރިކަން ވެސް ވަނީ މުއިއްޒަށް ބަދަލުކޮށްފަ އެވެ.