ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 14:47
އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވައި ލިޔުން ހަވާލުކުރައްވަނީ
އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރައްވައި ލިޔުން ހަވާލުކުރައްވަނީ
މުހައްމަދު ފަޒީން
އެމްއެމްއޭގެ ގަވަރުނަރު
އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް ނަސީރު އައްޔަން ކުރައްވައިފި
ނަސީރުގެ ނަން މަޖިލީހަށް ފޮނުއްވީ މިދިޔަ އާދިއްތަ ދުވަހު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރަނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރައްވައިފި އެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ނަސީރު އައްޔަނުކުރެއްވި ކަމުގެ ލިޔުން، ނަސީރުއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ، އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް ނަސީރަށް ރުހުން ދެއްވާފައި ވަނީ ސިފައިންގެ ފައުޖުތަކާ އެކު ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުންގެ ޖަލްސާގައި  33 ވޯޓްގެ އިއްތިފާގުންނެވެ. އިދިކޮޅު މެމްބަރުން އެ ވޯޓުގައި ބައިވެރިއެއް ނުވެއެވެ. 

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީންގެ ބައްދަލުވުމަށް ނަސީރު ހާޒިރުކުރައްވައި އިންޓަވިއު ކުރުމަށް ފަހު، ކޮމެޓީގެ މެމްބަރުން ވަނީ  94 މާކްސް ދެއްވާފައެވެ. ކޮމެޓީން ރުހުން އޮތް ކަމަށް ފާސްވަނީ 75 މާކްސްއަށް ވުރެ މަތިން މާކްސް ލިބޭ ނަމައެވެ. އަދި އެކޮމެޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އަޣުލަބިއްޔަތުން ނަސީރަށް ރުހުން އޮތް ކަމަށް ވަނީ ފާސްކޮށްފައެވެ.

އިދިކޮޅު މެންބަރުން އިޖުތިޖާޖު ކުރަމުންދަނިކޮށް، ކޮމެޓީޣެ ރިޕޯޓް އިއްވައި، ނަސީރަށް ރުހުން އޮތް ކަމަށް ކަމަށް ވަނީ ކަނޑައަޅާފަ އެވެ. 

މިއީ މި ދައުރުގެ ފަހު ޖަލްސާއަށް ވުމުން، މި ޖަލްސާއަށް ފަހު މަޖިލިސް ޗުއްޓީއަށްދާކަން މަސީހު ވަނީ އިއުލާނު ކުރައްވާފަ އެވެ. ބެލެވޭ ގޮތުގައި ތން ވަނަ ދައުރުގެ ޖަލްސާތައް ފެށޭނީ އޮކްޓޯބަރު މަހު އެވެ. ދެވަނަ ދައުރުގެ ތިން މަސް ތެރޭގައި 39 ޖަލްސާ ބާއްވަން ޖެހޭއިރު. ބޭއްވީ މިއަދުގެ ޖަލްސާ ހިމެނޭ ގޮތަށް އެންމެ 11 ޖަލްސާ އެވެ.

ގަވަރުނަރުގެ މަގާމަށް އަަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ނިންމެވުމުގެ ކުރިން، އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވިއެވެ. ނަމަވެސް، ނީޒާގެ ނަން ނެގުމަށް ފަހު ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާއެކު ނީޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ، 2014  ވަނަ އަހަރުން ފެށިގެން އެމަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. އަޒީމާ އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ  ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުއްވުން ނިއު ޔޯކަށް ބަދަލު ކުރެއްވުމަށެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ  ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް  ކުރެއްވި  ބޭފުޅެކެވެ.

ނަސީރަކީ  އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ  ދާއިރާއިން މާސްޓާސް ހާސިލް  ކުރައްވާފައިވާ  ބޭފުޅެކެވެ.

އެމްއެމްއޭގެ  އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ  ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ  ބޭފުޅެކެވެ. އަދި މިހާރު ނަސީރަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ  މެނޭޖިން  ޑިރެކްޓަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް