މެލޭޝިއާގެ ބޮޑު ވަޒީރު ނަޖީބް ރައްޒާގާ ގުޅޭ މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް އެމެރިކާ ޖަސްޓިސް ޑިޕާޓްމަންޓުން ބަލަމުން ދަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބޮޑު ވަޒީރު ރައްޒާގާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް ވައިޓް ހައުސް އިން ބުދަ ދުވަހު ބުނެފިއެވެ.
ވައިޓް ހައުސް އިން ބުނީ ދެގައުމުގެ ވެރިން ބައްދަލު ކުރައްވަން ހަމަޖެހިފައި ވަނީ މިއަންނަ ސެޕްޓެމްބަރު 12 ގައި ކަަމަށެވެ.
ނަޖީބް ރައްޒާގު އުފައްދަވާފައިވާ ފަންޑެއް ކަމަށްވާ 1މެލޭޝިއާ ޑިވަލޮޕްމަންޓް ބާހެޑް ނުވަތަ 1އެމްޑީބީގެ މަނީ ލޯންޑަރިން ގެ ޖިނާއީ ތަހުގީގެއް އެމެރިކާ، ސްވިޓްޒަލޭންޑް އަދި ސިންގަޕޫރު ހިިމެނޭގޮތުން މަދުވެގެން ހަ ގައުމެއްގައި ދަނީ ކުރެވެމުންނެވެ.
1އެމްޑީބީގެ ޚިޔާނާތުގެ ފައިސާ އިން އެމެރިކާ އިން ގަނެފައިވާ ތަންތަން ފްރީޒް ކުރުމަށް ޖަސްޓިސް ޑިޕާޓްމަންޓުން އަމުރު ނެރުމާ ގުޅިގެން މެލޭޝިއާ އާއި އެމެރިކާގެ ގުޅުން ވަނީ ހީނަރުވެފަ އެވެ. އަދި ނަޖީބް ރައްޒާގް ގެންދެވީ ޗައިނާ އާއި ގުޅުން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެެވެ. ރިޕޯޓުތައް ބުނާގޮތުން އެމެރިކާ އިން ފްރީޒް ކޮށްފައިވާ 1އެމްޑީބީގެ އެސެޓުގެ އަގު 1.7 ބިލިއަން ޑޮލަރަށް އަރާނެ އެވެ.
ރައީސް ޓްރަމްޕް އާއި ބޮޑު ބަޒީރު ރައްޒާގު ބައްދަލުވުމުގެ ވާހަަކަ އެންމެ ފުރަތަމަ ރިޕޯޓު ކޮށްފައި ވަނީ އެމެރިކާގެ ދުވަހު ނޫހެއް ކަމަށްވާ ދަ ވޯލް ސްޓްރީޓް ޖާނަލް އިންެނެވެ. އެ ނޫހުން ބުނެފައި ވަނީ ބޮޑު ވަޒީރު ނަޖީބު ހުންނެވީ ރައީސް ޓްރަމްޕް އާއި އެކު އޮތް ގުޅުން ވަރުގަދަ ކުރައްވަން ތައްޔާރަށް ކަމަށެވެ.
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ދައުރުގައި މެލޭޝިއާ އާއި އެމެރިކާ އޮތީ ވަރަށް ބަދަހި ގުޅުމެކެވެ. 2014 ވަނަ އަހަރު، ކުރީގެ ރައީސް އޮބާމާ އެމެރިކާ އަށް ދަތުރުފުޅެއް ކުރެއްވިއިރު އެމަނިކުފާނު ވެވަޑައިގެންފައި ވަނީ 50 އަހަަރުތެރޭގައި މެލޭޝިއާ އަށް ދަތުރުފުޅެއް ކުރެއްވި ފުރަތަމަ އެމެރިކާގެ ރައީސްއަށެވެ.