ރައްޔިތުންގެ މަޖިލީހުގައި ބިސްކޮތަޅެއް ހިފައިގެން ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އަސްއަދު އިންނަވަނިކޮށް ފެންނަ ވީޑިއޯއެއް އާއްމު ވެއްޖެ އެެވެ.
އެވީޑިއޯއިން ފެންނަ ގޮތުގައި އަސްއަދު އިންނަވާ ގޮނޑިކޮޅުގައި މޭޒު ދަށުގައި ފޮރުވައިގެން އިންނަވާއިރު، އަތުގައި ނޫކުލައިގެ ކޮތަޅެއް އޮވެއެވެ. އަދި އެކޮތަޅުގައި ބިސްތަކެއް ހުރިކަން ފާހަގަ ވެސް ކުރެވެއެވެ.
އެ ވީޑިއޯ ނެންގެވި ބޭފުޅަކު ނަންގަވާފައި ވަނީ އަސްއަދުގެ ވަށައިގެން ކަހަލަ ގޮތަކަށް ފޯނުން ކެމެރާކޮށްގެންނެވެ.
ބެލެވޭގޮތުގައި އެ ވީޑިއޯ ނަންގަވާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެވެ. އެ ވީޑިއޯ ކުރަމުންދަނިކޮށް "ބިސް ކޮތަޅު ދައްކާ" ށޭ މަހްލޫފް ވިދާޅުވާ އަޑު ވެސް އިވެއެެވެ.
ނަމަވެސް އެވީޑިއޯއާ ގުޅިގެން އަސްއަދުއަށް ގުޅާލުމުން ވިދާޅުވީ އަތުގައި ކޮތަޅެއް އޮންނަ ކޮންމެ ފަހަރަކު އެއީ ބިސް ކޮތަޅަކަށް ވާކަށް ނުޖެހޭ ކަމަށެވެ. އަދި އަސްއަދު ވަނީ މަޖިލީހަށް ބިސް ކޮތަޅު ވެއްދިކަން ދޮގު ކުރައްވާފަ އެވެ.
އަސްއަދު ބިސް ކޮތަޅެއް ބައްލަވައިގެންނެވި ކަމަށް މަޖިލިސް ސަރަހައްދުގައި ހުރި ފިހާރައެއްގެ މީހަކު ވެސް ވަނީ "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދެއްވާފަ އެވެ.
ބުރާސްފަތި ދުވަހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އިންނަވާ ރިޔާސަތު މޭޒު ސަރަހައްދަށް ބިސް ޖަހާފައިވާއިރު، މަޖިލީހުގެ މައިނޯރިޓީ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ)ގެ ކޮޓަރިކޮޅަށް ވެސް ބިސްޖަހާފައި ވެއެވެ.
އިބޫގެ ކޮޓަރިކޮޅަށް ބިސްޖެހީ މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު ކަމަށް ބައެއް މެމްބަރުން ވިދާޅުވި ނަމަވެސް މޫސަ ވެސް ވަނީ އެކަން ދޮގު ކުރައްވާފަ އެވެ.