ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން 2014 ވަނަ އަހަރު 16 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގަވައިދާ ހިލާފަށް ބޭނުންކޮށްފައިވާތީ އެކަން ހިނގާ ދިޔަ ގޮތް ބަލައިދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކިނބިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ރިޔާޒް ހުށަހަޅުއްވި މައްސަލަ ކޮމެޓީން ބަލައިގަނެ އެ މައްސަލަ ކުރިއަށް ގެންދަން ނިންމަިއިފިއެވެ.
ހެލްތު މިނިސްޓްރީގެ 2014 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އޮޑިޓާ ޖެނަރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކާ ގުޅިގެން ރިޔާޒް މަޖިލީހުގެ މާލީއްޔަތު ކޮމެޓީ އަށް ހުށަހެޅުއްވި މައްސަލަ ކޮމެޓީން ބެލުމަށް ނިންމާފައި ވަނީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ކޮމެޓީ އަސް މައްސަލަ ބަލައިގަތުމަށް ފަހު އެ މައްސަލަ ދިރާސާ ކުރުމަށްޓަކައި މާލީއްޔަތު ކޮމެޓީގެ ސަބްކޮމެޓީ އަށް ވަނީ ފޮނުވާފައެވެ.
މީގެ އިތުރުން ރިޔާޒް ހުށަހެޅުއްވި އެ މައްސަލަ މާލީއްޔަތު ކޮމެޓީން ބަލަން ނިންމާ ސަބްކޮމެޓީ އަށް ފޮނުވާފައިކަން ރިޔާޒް އަށް އެންގުމަށް ވެސް ކޮމެޓީން ވަނީ ނިންމާފައެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރުގެ ގޮތުގައި ހުންނެވި ޢަބްދުﷲ ރިޔާޒް ، މާލިއްޔަތު ކޮމިޓީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައި ވަނީ އޮޑިޓާ ޖެނެރަލް އާންމުކޮށްފައިވާ 2014 ވަނަ އަހަރުގެ ހެލްތު މިނިސްޓްރީގެ އޮޑިޓް ރިޕޯޓަށް ބަލާއިރު އެ މިނިސްޓްރީން ވަނީ ގާނޫނާއި ގަވައިދާ ހިލާފަށް ގިނަ ޚަރަދުތަކެއް ކޮށްފައިކަން ހާމަވާ ކަމަށެވެ. އަދި ބޮޑެތި އިހުމާލްތަކެއް ވެފައިވާ ކަމަށެވެ.
ރިޔާޒްގެ ސިޓީގައި ވިދާޅުވެފައި ވަނީ ފެންބިލް، ކަރަންޓްބިލް، އަދި ވޯކް ވިސާ ފައިސާ ދައްކަން ޖެހޭ މުއްދަތުގައި ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި 8,594,503 (އަށްމިލިއަން ފަސްސަތޭކަ ނުވަދިހަ ހަތަރުހާސް ފަސްސަތޭކަ ތިން ރުފިޔާ) ރުފިޔާ ދެއްކުމަށް ފަހު އިހުމާލްވީ ކޮން ފަރާތްތަކަކުންކަން ބަލައި އެފަރާތްތަކުގެ އަތުން އެފައިސާ އަތުލާފައި ނުވާ ކަމަށެވެ. އަދި އެސިޓީގައި ވިދާޅުވެފައިވާ ގޮތުގައި އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓުގައި ބުނެފައި ވަނީ ނެޝަނަލް ޑުރަގް އެޖެންސީން 2014 ވަނަ އަހަރު ބަންދު ކުރާ މީހުންނަށް ކާން ދިނުމަށް 6,252,044 (ހަމިލިއަން ދުއިސައްތަ ފަންސާސް ދެހާސް ސާޅީސް ހަތަރު ރުފިޔާ) ރުފިޔާއަށް ބަޔަކާ ހަވާލު ކުރީ ޓެންޑާ ބޯޑަށް ހުށަނާޅައި ކަމަށެވެ.
މީގެ އިތުރުން އައިޖީއެމްއެޗަށް އެކި ފަރާތްތަކުން، ޚާއްޞަކޮށް އާސަންދަ ކުންފުނިން ލިބެން ޖެހޭ ފައިސާގެ ޢަދަދު 360،924،215 (ތިންސަތޭކަ ފަސްދޮޅަސް މިލިއަން ނުވަސަތޭކަ ސައުވީސްހާސް ދުއިސައްތަ ފަނަރަ) އަށް އަރާކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ .
ރިޔާޒް ވިދާޅުވީ ސިވިލް ސާވިސް ގަވައިދާ ހިލާފަށް އިތުރު ފައިސާގެ ގޮތުގައި ނޮޅިވަރަމް ސިއްހީ މަރުކަޒުން 55،2627 ރ. ހަރަދުކޮށްފައިވާއިރު، އިތުރުގަޑީގެ ގޮތުގައި އައިޖީއެމްއެޗް މުވައްޒަފުންނަށް 198،345ރ. ހަރަދުކޮށްފައިވާއިރު އެ ފައިސާ ދީފައި ވަނީ އިތުރު ގަޑީގެ ގޮތުގައި ނުހިމެނޭ ގަޑިތައް ހިމަނާފައިގެން ކަމަށް އޮޑިޓުގައި ވަނީ ފާހަގަކޮށްފައެވެ.
އެ ރިޕޯޓުގައި ބުނެފައި ވަނީ އައިޖީއެމްއެޗް މުވައްޒަފުންނަށް އިތުރު ގަޑީގެ ގޮތުގައި 2014 ވަނަ އަހަރު 3.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އިތުރު ގަޑީގެ ފައިސާ ދީފައި ވަނީ ސައްހަ ލިޔުމަށް ބަލައިގެން ނޫން ކަމަށެވެ.