ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުމުގެ ތެރެއިން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ ފުލުހުން މެދުވެރިކޮށް ތަހުގީގު ކޮށްދިނުމަށް އެދި މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެން މަނިކް ވިދާޅުވެއްޖެއެވެ.
ޗެނަލް 13 ގައި ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނަށް އަނިޔާ ކުރި މައްސަލަ އަކީ ޖިނާއީ މައްސަލައެއް ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކޮށްދިނުމަށް އެދި މަޖިލީހުގެ ރިޔާސަތަށް ސިޓީ ފޮނުވާފައިވާ ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައި ވާނީ ޕީޕީއެމް އަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފަށް ހަމަލަ ދިން މައްސަލަ އާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފްގެ ކަރުގައި ހިފި މައްސަލަ ހިމެނޭ ކަމަށް ނިހާނު ވިދާޅުވި އެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ ކޮޓަރިކޮޅު ހިސޯރުކޮށް، އެމަނިކުފާނުގެ ގައިގައި އަތްލި މައްސަލަ ބަލައި ދިނުމަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ނިހާނު ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ޖިނާއީ އިޖުރާތުގެ ގާނޫނުގެ ދަށުން މި މައްސަލަތައް ބެލޭނެ ކަމަށެވެ. މިހެން ހިނގާ ކަންކަން މިހާރު ނުބަލާ ދޫކޮށްލައިފިނަމަ އޭގެ ނޭދެވޭ އަސަރު ފަހުން ކުރާނެ ކަމަށާއި އެހެން މި މައްސަލަތައް ދޫކޮށްލައިގެން ތިބެވެން ނެތް ކަމަށް ނިހާން ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މަޖިލީހުގައި އެމްޑީޕީ އަށް ނިސަބްތްވާ މެމްބަރުން މިހާރު އަމަލު ކުރަމުންދާ ގޮތުން އެމްޑީޕީ މެމްބަރުން ތިބެނީ ހަމައިގަތޯ ބެލުމަށް ފުލުހުން ޓެސްޓްތަކެއް ހަދަން ޖެހޭ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންތްރީ ގުރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިޙްގެ ކޮޓަރިކޮޅުގެ ދޮރު ޕީޕީއެމްގެ މެމްބަރުން ވައްޓާލުމަށް ފަހު ވަން މައްސަލަ އަަށް އިޝާރާތް ކުރައްވާ ވާހަކަ ދައްކަމުން ނިހާން ވިދާޅުވީ އެމްޑީޕީ މެމްބަރުން ޕީޕީއެމްގެ މަމެމްބަރުންގެ ގަޔަށް އަތްލާ މަޖިލީހުގެ ރައީސް އަސް ހުރަސް އަޅާ ކަންތައްތައް ކުރަމުން ދާތީ އިބޫ އަށް ބައްދަލުކޮށް މަޝްވަރާ ކުރުމަށް ދިޔަ ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ މެމްބަރުން އެ ދޮރުގައި ފައި ޖަހައި ނައްޓާލިއިރު، ނިހާނު ހުންނެވީ އެ މެމްބަރުންގެ ފަހަތުގަ އެވެ.
އިބޫގެ ކޮޓިރިކޮޅަށް ވަންނަން ދިއުމުން އެކަމަށް ހުރަސް އެޅުމުން ހުޅުވުނު ގޮތަކަސް ބަޔަކު ދޮރު ހުޅުވި ކަމަށާއި އެ ވަގުތު އޭނާ ވެސް އިބޫގެ ކޮޓިރިކޮޅަށް ވަން ކަމަށް ނިހާން ވިދާޅުވިއެވެ. މަޝްވަރާކުރަން ކުރަން ވަޑައިގެންނެވި ކަމަށް ވިދާޅުވާއިރު، އެ ބޭފުޅުންގެ ފަރާތުން ފެނިގެންދިޔައީ ރުޅިވެރިކަމާއި ޒިވާބުކުރުންކަން މަންޒަރުތަކުން ފެނެ އެވެ. އަދި އިބޫގެ މޭޒުކޮޅުމަތީގައި މެމްބަރަކު ޖަހާތަން ވެސް ފެނެ އެވެ.
މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ވެރިކަން ކުރާ ޕީޕީއެމާއި އިދިކޮޅު މެމްބަރުންނާ ދެމެދު ހޫނު ޒުވާބުތަކެއް ހިނގައި، އެއް ބަޔަކު އަނެއް ބައެއްގެ ގަޔަށް އަތްލައި ބޮޑު ތަޅާފޮޅުންގަނޑެއް ވަނީ ހިނގައިފަ އެވެ. އަދި މަޖިލީސް ތެރެއިން ފެނުނީ އެއް މެމްބަރަކު އަނެއް މެމްބަރަކަށް އަވަގުރާނަ ގޮވުމާއި މާރާމާރީ ހިންގި މަންޒަރެވެ .