ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރުކަމުގައި ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް، އާރަށުގައި ބަންދުކުރި މައްސަލާގައި، އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ހިންގާ ޝަރީއަތުގައި ދިފާއީ ހެކި ބަސް ނެގުމަށް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލް ކުރި ޝަރީޢަތުގެ އަޑުއެހުން ބުރާސްފަތި ދުވަހަށް (މިއަދަށް) ތާވަލުކޮށަްފި އެވެ.
އަމިންގެ މައްޗަށް ކުރާ ދައުވާ ގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވަނީ މެންދުރު 1:00 އަށެވެ. އެ މައްސަލާގެ އަޑުއެހުން ތައްކުގައި މިހާރު ދަނީ ހެކިންގެ ހެކިބަސްނެގުމެވެ. އެގޮތުން މި މައްސަލާގައި މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.
އަމީންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ މުލަކު ދާއިރާގެ މެމްބަރު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ހިމާޔަތް ދިނުމަށް ކަމަށް ބުނެ އާރަށުގައި ބެހެއްޓި މައްސަލާގަ އެވެ. ނަމަވެސް އެ ދައުވާއަށް އަމީން ފައިސަލް ވަނީ އިންކާރުކުރައްވާފަ އެވެ.
އަމީން ފައިސަލްގެ ދިފާއީ ހެކީންގެ ގޮތުގައި ހުށަހަޅާފައި ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި، އޭރުއެމްއެންޑީއެފްގެ ލީގަލް ހެޑަކަށް ހުންނެވި ލެފްޓިނަންޓް ކާނަލް ޒުބައިރު އަހުމަދު މަނިކެވެ.
މޫސާ އަލީ ޖަލީލު ހެއްކެއްގެ ގޮތުގައި ހުށަހެޅީ، އެ ހާދިސާގެ ގިނަ މައުލޫމާތުތަކެއް އޭނާއަށް އެނގިވަޑައިގަންނަވާނެތީއެވެ. ޒުބައިރު ހާޒިރުކުރަނީ އެ މައްސަލައިގައި ރައީސް ޔާމީނަށް ހިމާޔަތް ދިނުމަށްކުރި ކަންތައްތަކީ ގާނޫނީ ގޮތުން ކުރެވިދާނެ ކަންތައްތަކެއްތޯ ބެލުމަށެވެ. އޭގެ އިތުރުންވެސް ދިފާއުވުމަށް ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލް ދިފާއީ ހެކިންގެ ގޮތުގައި ކޯޓުން ގެނެސްދިނުމަށް އޭނަގެ ފަރާތުން ވަނީ އެދިފަ އެވެ.
އަބްދުﷲ ޔާމިން 14 ޖުލައި 2010 ވަނަ ދުވަހުގެ ރޭ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ އޭރު މާލެ ތެރޭގައި ކުރަމުންދިޔަ މުޒާހަރާތަކާއި ގުޅިގެން އެމަނިކުފާނުގެ ހަށިރައްކަލަކަށް ކަމަށް ބުނެ އެވެ.