ކ. ހިންމަފުށީ ގައި ހުންނަ ލައިފް ފެން އުފައްދާ ފެކްޓްރީގައި ބިދޭސީއަކު މަރުވި މައްސަލައާ ގުޅިގެން ދިވެއްސަކު ހައްޔަރު ކޮށްފި އެވެ.
ލައިފް ފެން އުފައްދާ ފެކްޓްރީ ގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 38 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތަކު މަރުވީ ހޮނިހިރު ދުވަހު އެވެ. އެ މީހާގެ ހަށިގަނޑު މިހާރު އޮތީ މޯޗަރީގަ އެވެ.
މި މައްސަލައާ ގުޅިގެން އަންގާރަ ދުވަހު ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން ހިންމަފުށިން މީހަކު ހައްޔަރު ކޮށްފަ އެވެ.
ހައްޔަރު ކޮށްފައިވާ މީހާއަކީ ފެން ޕްލާންޓުގެ މެނޭޖަރާ ގާތްގުޅުމެއް އޮންނަ މީހެއް ކަމަށާއި އަދި އޭނާ އަކީ ކުރިން ފުލުހުންގެ ވަޒީފާ ވެސް އަދާކުރި މީހެއް ކަމަށް އެ ރަށުން މައުލޫމާތު ލިބެ އެވެ.
މުވައްޒަފަކު މަރުވި މައްސަލައާ ގުޅިގެން ލައިފް ކުންފުނީގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ އެއީ ކުއްލި މަރަކަށް ވުމުން އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދުނީ ކުންފުނިން ކަމަށެވެ.
އިހުސާން ވިދާޅުވި ގޮތުގައި އެ މީހާގެ ހަށިގަނޑު ފުރަތަމަ ގެންދެވުނީ ހިންމަފުށީ ސިއްހީ މަރުކަޒަށް ކަމަށާއި އޭގެ ފަހުން މާލެ ގެނެސް އައިޖީއެމްއެޗާއި އޭޑީކޭއަށް ގެންގޮސް ޓެސްޓްތައް ހެދި ކަމަށެވެ. ހޮސްޕިޓާތަކާ ހަވާލާދީ އޭނާ ވިދާޅުވީ ބިދޭސީ މުވައްޒަފު މަރުވީ ހިތްހުއްޓިގެން ކަމަށެވެ.
އިހުސާން ވިދާޅުވީ އެ މީހާގެ ހަށިގަނޑުން ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށެވެ.