ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ފުލުހުންގެ ބަންދުން ދޫކޮށްލިތާ ހަފްތާއެއް ފަހުން، އޭނާ ހައްޔަރުކުރި މައްސަލައިގެ އިސްތިއުނާފް ފެށުމަށް ހައި ކޯޓުގައި ތާވަލުކޮށްފި އެވެ.
ވައްޑެ ބަންދުން ދޫކޮށްލިތާ ހަފްތާއެއް ފަހުން، ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް އޭނާގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި ވަނީ ތާވަލު ކޮށްފަ އެވެ. މިއީ އޭނާ ހައްޔަރު ކުރުމަށް ފަހު ދޫނިދޫގައި ބަންދު ކުރި މައްސަލައިގެ ފުރަތަމަ އަޑުއެހުމެވެ.
ފުލުހުންގެ ސަފުތައް ފަޅާލައި، ޖުލައި މަހުގެ 24 ވަނަ ދުވަހު މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންނެވި ކަމަށް ތުހުމަތުކޮށް، ވައްޑެ ހައްޔަރުކުރީ އެރޭ، ޖުމްހޫރީގެ ޕާޓީގެ ޖަގަހަ، މ. ކުނޫޒު ކައިރިންނެވެ. އެއަށް ފަހު ތިން ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައިވެ އެވެ.
އެގޮތުން ފުރަތަމަ ފަހަރު ބަންދަށް 15 ދުވަސް ޖެހިއިރު، އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ބަންދަށް ވަނީ ހަތަރު ދުވަސް އިތުރުކޮށްފަ އެވެ.
ވައްޑެ ބަންދުން ދޫކޮށްލާފައި ވަނީ މިމަހުގެ 17 ވަނަ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުންނެވެ. ވައްޑެ ބަންދުން ދޫކޮށްލީ ގާނޫނާއި ހިލާފު ކަމެއް ނުކުރުމަށާއި އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތަށް އެއްބާރުލުން ދެއްވުމަށް ޝަރުތު ކުރުމަށް ފަހު އެވެ.
އޭނާގެ މައްޗަށް ދައުލަތުން ވަނީ ދެ ދައުވާއެއް ކޮށްފަ އެވެ. އެގޮތުން ގާނޫނު ތަންފީޒް ކުރާ މުވައްޒަފުންގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އާއި، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.
ވައްޑެގެ އިތުރުން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ބަންދުކުރި މައްސަލަ ވެސް ހައިކޯޓަށް ހުށަހެޅި އެވެ. އެ ދެ މެންބަރުން ވެސް ދޫކޮށްލާފައިވާއިރު، އަދިވެސް ހައިކޯޓުން އެ މައްސަލަ ނުނިންމަ އެވެ.
މި މެންބަރުންގެ، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ނުކޮށް ލަސްކުރަމުން ދާތީ އިދިކޮޅު ސިޔާސީ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.