ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގެ ފޮރެންސިކް ދެ ފުލުހެއްގެ ހެކިބަސް ނަގައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ޝަރީއަތުގައި ބުދަ ދުވަހު ވަނީ އަޑުއެހުމެއް ބާއްވާފަ އެވެ.
ގާސިމްގެ ޝަރީއަތް ކުރިއަށް ގެންދަނީ ނޫސްވެރިންނާއި އާންމުންނަށް ނުވަދެވޭ ގޮތަށް ސިއްރު ކޮށްގެންނެވެ. މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވެފައިވާ ގޮތުގައި ގާސިމްގެ ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދަނީ ކޯޓުގެ މުވައްޒަފުންނަށާއި ފަނޑިޔާރުންނަށް ބަޔަކު އިންޒާރުދީ ބިރުދައްކަމުންދާތީއެވެ.
އަޑުއެހުމަށް ފަހު ނިކުމެވަޑައިގެން ގާސިމްގެ ވަކީލުން ވިދާޅުވީ ދެ ފުލުހެއްގެ ހެކިބަސް ނެގީ ދައުލަތުން ހުށަހަޅާފައިވާ ވީޑިއޯ ރެކޯޑިންގ އާ ބެހޭ މައުލޫމާތު ސާފު ކުރުމަށެވެ.
ގާސިމް ޝަރީއަތުގައި މިމަހުގެ 6 ވަނަ ދުވަހު ތިން ފަހަރެއްގެ މަތިން އަޑުއެހުން ތާވަލު ކުރި އެވެ. ނަމަވެސް، ހާލުކޮޅު ދެރަވެ ހޮސްޕިޓަލުގައި ގާސިމް އެޑްމިޓް ކޮށްފައިވުމުން އަޑުއެހުންތަކަށް ވަޑައިގެންނެވޭ ގޮތެއް ނުުވި އެވެ. މިއީ އޭގެ ފަހުން މި މައްސަލައިގައި ބޭއްވި ފުރަތަމަ އަޑުއެހުމެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ފުރަތަމަ ދައުވާ އުފުލީ އޭޕްރީލް މަހުގެ 12 ވަނަ ދުވަހުއެވެ. އެ ދައުވާތަކުގެ ޝަރީއަތް ކުރިއަށް ދަނިކޮށް، ޖުލައި މަހުގެ 10 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ދައުލަތުގެ ވަކީލުން ގަސްތުގައި ހާޒިރު ނުވުމުން އެ މައްސަލަ ބާތިލްކޮށް، ކޯޓުން މައްސަލަ އަނބުރާ ފޮނުވާލިއެވެ.
ކްރިމިނަލް ކޯޓުން މައްސަލަ ބާތިލް ކުރުމުން، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހުން ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހު އަލުން އެ މައްސަލަ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގައި ޖުލައި މަހުގެ 25 ވަނަ ދުވަހުގެ ހެނދުނު ބޭއްވި އަޑުއެހުމުގައި ގާޒީ އާދަމް އާރިފް ވަނީ ފަހުން އުފުލި ދައުވާގެ ސީޣާގައި ވެސް ހަމަ އެއް ވާހަކަތަކެއް ފާހަގަކުރައްވާ، ބާތިލްކުރި ގަޒިއްޔާ، ބާތިލް ކުރުމާ ހަމައަށް ކުރިއަށް ގޮސްފައިވާ ހިސާބުން ގުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައެވެ.
އެއާއެކު ގާސިމްގެ ވަކީލުން ވަނީ ބާތިލް ކޮށްފައިވާ މައްސަލައެއްގައި އަލުން ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާތަކެއް ނަންގަވާފަ އެވެ. އަދި ކުރިން ކުރި ދައުވާގެ ޝަރީއަތް ބާތިލް ކުރި ހިސާބުން، ފަހުން އުފުލި ދައުވާއެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށް ނިންމަވާފައި ވާތީ އެފަދައިން އަމަލުނުކުރެވޭނެ ކަމަށް ވިދާޅުވެ އިޖުރާއީ ނުކުތާތަކެއް ވެސް ނެންގެވި އެވެ.
ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ 'ށ' ގެ ދަށުން ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އުފުލާފައިވާއިރު، އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.
ގާސިމްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ ތަމްސީލު ކުރައްވާ މާމގިލީ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެ އެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ އެވެ.