ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް އުފުލާފައިވަ ދައުވާގެ ޝަރީއަތް އަނެއްކާ ވެސް ތާވަލުކޮށްފިއެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ ބުދަ ދުވަހަށެވެ. ނަމަވެސް، ސައުދުއާއި ޗިޓް ހަވާލުނުކުރެވުމުން އެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ވަނީ ބުދަ ދުވަހުގެ ހަވީރު 3:30 ހާއިރު ސައުދާއި ޗިޓް ހަވާލުކޮށްފައެވެ. ޗިޓުގައިވާ ގޮތުން މައްސަލަ ތާވަލުކޮށްފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު 2:00 އަށެވެ.
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސައުދާއި ހަނީފްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާއެވެ. ސައުދުއާއި ހަނީފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ އެ ދައުވާ ސާބިތު ވެއްޖެނަމަ ސައުދުއާއި ހަނީފްގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާގެ އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގެ ލިޔެކިޔުންތައް ހަވާލު ކުރަންޖެހެއެވެ. އެގޮތުގެ މަތިން މިމަހުގެ 6 ވަނަ ދުވަހު ސައުދުއާއި ހަނީފް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މައްސަލައިގެ ލިޔުންތައް ވަނީ ހަވާލު ކޮށްފައެވެ.
ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ޖޫން މަހުން ފެށިގެން ދެ ފަހަރެއްގެ މަތިން ސައުދު ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. އެ މައްސަލައިގައި ސައުދުއާ ސުވާލު ކުރިއިރު، އެ މައްސަލައާ ގުޅިގެން ހަނީފް ހައްޔަރުކޮށް ގިނަ ދުވަސްތަކެއް ވަންދެން ހައްޔަރުގައި ބެހެއްޓިއެވެ.
ފަނޑިޔާރު ޝުޖާއުއާއި، ހަނީފްގެ އިތުރުން ސައުދުއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފާއި ސައުދާ ދެކޮޅަށް ފުލުހުން ބޭނުން ކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެކެވެ.
ސައުދުގެ މައްޗަށް ދައުވާ އުފުލިއިރު، އޭނާ ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ. އޭނާ ބަންދު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމުގެ ތުހުމަތުގަ އެވެ. ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ހުކުމް ލަސްވާތީ ސައުދުއާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސައުދުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، އެ ދައުވާގެ އިތުރުން، ގާނޫނު ތަންފީޒްކުރާ މުވައްޒަފުންނަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ކޮށްފައިވަނީ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލިހަށް ވަން މައްސަލައާ ގުޅިގެން ޖުލައި 27 ވަނަ ދުވަހު ސައުދު ހައްޔަރުކުރުމަށްފަހު، ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.