މާލެއާއި ވިލިމާލެއަށް ވަރަށް ބޮޑަށް އުދައަރިފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މާލެއަށް ބުދަދުވަހު އެންމެބޮޑަށް އުދަ އަރާފައިވަނީ، ދިޔަވަރު އެންމެ ބޮޑުވި ގަޑީގައި ކަމަށެވެ. އެއީ ބުދަ ދުވަހުގެ މެންދުރު 14:13 ގައެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ، މާލޭގެ އިތުރުން މެދުރާއްޖެތެރެއަށްވެސް ކުރިއަށްއޮތް ދެ ދުވަހު ވަރަށް ބޮޑަށް އުދައަރާނެ ކަމަށެވެ. އަދި އުދައިގެ އަސަރު ދެކުނުގެ އަތޮޅުތަކަށްވެސް ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކުރެއެވެ.
އެ އިދާރާއިން ބުނި ގޮތުގައި ބުރާސްފަތި ދުވަހު އުދައިގެ އަސަރު އެންމެ ބޮޑަށް ކުރާނީ، މެނދުރުފަހު 14:41 ގައެވެ. އަދި ހުކުރު ދުވަހު އެންމެ ބޮޑު ދިޔައިގައި މެންދުރުފަހު 15:07 ގައިވެސް މެދުރާއްޖެތެރެއާއި މާލެއަށް ވަރަށް ބޮޑަށް އުދައިގެ އަސަރުކުރާނެކަމަށް ލަފާކުރެވެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް ބަލައި، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައި، ރާއްޖޭގެ އެކިހިސާބަށް ކެރީގެ އަސަރު ފޯރާނެއެވެ. އަދި ގުގުރުންވެސް އެކަށީގެންވެއެވެ. މީގެ އިތުރުން، މެންދުރުފަހުގެ ވަގުތުތަކުގައި ވިއްސާރަކުރުމަކީބެސް އެކަށީގެންވާ ކަމެކެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކުރާއިރު، ކެރިގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ކެރިގަނޑުގައި އާދައިގެވަރަކަށް ގަދަވާނެ ކަމަށާއި، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި މެދުތެރެއާއި ދެކުނުގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް އެ އިދާރާއިން ލަފާކުރެއެވެ.