މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދީފައިވާ ކަމަށް ބުނެ އާ ދައުވާތަކެއް ކޮށްފައި ވަނީ ސިޔާސީ ގޮތުން ފްރޭމް ކޮށްގެން ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން ތަހުގީގު ކުރި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ 10 ރަށެއްގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، ބުދަ ދުވަހު ވަނީ އޭގެ ތެރެއިން ދެ ރަށެއްގެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ.
އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އަދީބު ވިދާޅުވީ މި ދައުވާތަކަކީ ސިޓީތަކެއް ހަދައިގެން އެމަނިކުފާނު ފްރޭމް ކޮށްގެން ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.
އަދީބު ވަނީ 10 ދައުވާގެ މައްސަލަ ވެސް އެއް ގާޒީއަކު ބައްލަވާތީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އަދީބުގެ މައްސަލަތައް ބައްލަވަނީ ކްރިމިނަލް ކޯޓް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެހުންނެވި ގާޒީ އާދަމް އާރިފް އެވެ.
އަދީބު ވިދާޅުވީ އެއް ގާޒީއަކު މައްސަލަތައް ބައްލަވާނަމަ އެމަނިކުފާނުގެ ވަރަށް ގިނަ ހައްގުތަކެއް ގެއްލިގެންދާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެއް ބާވަތެއްގެ ދައުވާތަކެއް ކޮށްފައިވާއިރު، މި މައްސަލަތައް އެއްގާޒީއަކު ބެލުމުން، އެއް މައްސަލަ ސާބިތުވާއިރަށް ދެން ހުރި ހުރިހާ ދައުވާތަކެއް ސާބިތުވާކަން ތަޖުރިބާ ކުރެވިފައިވާ ކަމަށެވެ.
އަދީބު ވަނީ އެމަނިކުފާނުގެ މައްސަލަ ބައްލަވާނެ އިތުރު ގާޒީއެއް ކޯޓުގައި ނެތީތޯ ސުވާލު ކުރައްވާފަ އެވެ. އަދި ގާޒީ އާދަމް އާރިފްގެ މައްޗަށް މި މައްސަލަތައް ވަކި ގޮތަކަށް ކުރިއަށް ގެންދަން ނުފޫޒު ފޯރުވަނީތޯ ވެސް އަދީބު ސުވާލު ކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކްރިމިނަލް ކޯޓުގެ އިސްގާޒީކަން ލިބެނީ އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވައިގެން ކަމަށެވެ.
މި ދައުވާތަކުގެ ތެރެއިން އަށް ދައުވާގެ އިބްތިދާއީ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި އަދީބު ވަނީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގީ މަރުހަލާގައި މި މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް މަސައްކަތް ކުރެއްވި ކަމަށާއި އެހެންކަމުން މަސްލަހަތު ފުށޫއަރާ ކަމަށެވެ. އެކަން ފާހަގަކޮށް އަދީބު ވަނީ މައްސަލައިން ތަނާޒުލްވުމަށް ގާޒީ އާދަމް އާރިފްގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ. އަދީބު ވިދާޅުވީ ފެނިގެންދަނީ ދައުވާ ކުރާ ފަރާތާއި ޝަރީއަތް ކުރާ ފަރާތް އެއްވާ މަންޒަރު ކަމަށެވެ.
ބުދަ ދުވަހުގެ އަޑުއެހުމުގައި ވެސް އަދީބު ވަނީ ހަމަ އެ ވާހަކަތައް ތަކުރާރު ކުރައްވައި، މައްސަލައިން ތަނާޒުލްވުމަށް ގާޒީގެ އަރިހުން އެދިވަޑައިގަންނަވާފަ އެވެ.
އަދީބުގެ ވާހަކަތަކާ ގުޅިގެން ގާޒީ އާދަމް އާރިފް ވިދާޅުވީ އެއް ބާވަތެއްގެ މައްސަލަތަކުގައި ކޯޓުން ގެންގުޅޭ އުސޫލަކީ އެއް ގާޒީއަކާ އެ މައްސަލަތައް ހަވާލުކުރުން ކަމަށެވެ. އަދި އެކިއެކި ގާޒީންނާ މައްސަލަ ހަވާލު ކުރެވޭ އުސޫލެއް އޮތް ނަމަ އެކަން ކޮށްދެއްވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވީ މައްސަލަ ވަކި ގޮތަކަށް ކުރިއަށް ގެންދިއުމަށް އެއްވެސް ފަރާތަކަށް ނުފޫޒު ފޯރުވައި މަޖުބޫރު ނުވެސް ކުރެވޭނެ ކަމަށެވެ. އަދި މަގާމު ހޯދުމަށް އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހިތުގައި އަދީބާ މެދު އެކަހަލަ އެއްވެސް ކަމެއް ނެތް،" ގާޒީ ވިދާޅުވި އެވެ.
ގާނޫނީ ވަކީލަކާ އެކު މައްސަލަ ކުރިއަށް ގެންދިއުމަށް އަދީބު އެދިވަޑައިގަތުމުން ގާޒީ ވަނީ ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.
އަދީބުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގައި ބުނެފައި ވަނީ ޓޫރިޒަމާބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާއާ ޚިލާފަށް، ޓޫރިސްޓް ރިސޯޓް ތަރައްގީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުގެ ކުރިން، އެރަށްތަކާއި ފަޅުތައް 50 އަހަރު ދުވަހުގެ މުއްދަތަށް އެމްއެމްޕީއާރްސީއަށް ކުއްޔަށް ދޫކުރުމަށް އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މީގެ ތެރޭގައި ހިމެނެނީ އަށް ރަށެއްގެ މައްސަލައާއި ދެ ފަޅެއްގެ މައްސަލަ އެވެ. އޭގެ ތެރެއިން ހަ ރަށަކާއި ދެ ފަޅެއްގެ މައުލޫމާތު ރާއްޖެއެމްވީ އަށް ވަނީ ލިބިފަ އެވެ. އަނެއް ދެ ރަށް ކަށަވަރު ކުރެވޭގޮތް ވަނީ ނުވެފަ އެވެ.
އެގޮތުން މީގެ ތެރޭގައި ހިމެނެނީ:
- ނ. މާކަނާފުށި
- ބ. ދަންދޫ
- ބ. މާމަޑުއްވަރި
- ނ. ރާފުށީ
- އދ. އިންނަފުށި
- ރ. އުތުރުމާފަރު
- މާލެ އަތޮޅު ފަޅެއް
- ރ. ފުސްފަރު ފަޅު
ދައުވާގައި ބުނާ ގޮތުން މި ރަށްތަކާއި ފަޅުތަކުގެ ތެރެއިން ރ. ފުސްފަރު ފަޅު ދޫކޮށްފައި ވަނީ ސީޕްލޭން އޮޕަރޭޓް ކުރުމަށެވެ.
މިހާރު ވެސް ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް، އޭސީސީން ތަހުގީގު ކުރި އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން 10 ދައުވާއެއް ކޮށްފައިވާއިރު، ކޯޓުގައި މިހާރު ވެސް އަދީބުގެ އިތުރު ތިން މައްސަލައެއް އެބައޮތެވެ. އެގޮތުން ސްނައިޕަރަކު ގެނެސްގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާއި، ހިބަޅިދޫ އިން ފެނުނު ހަތިޔާރުގެ މައްސަލައިގެ އިތުރުން ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރަން މާލެ އަތޮޅުގެ ފަޅެއް 50 އަހަރަށް އެބޮނީ ޕްރައިވެޓް ލިމިޓެޑަށް ދިން ކަމަށް ބުނާ މައްސަލަ ކޯޓުގައި އެބައޮތެވެ.
އެއިރުގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ 25 ދައުވާ ކޮށްފަ އެވެ. އެގޮތުން ޒިޔަތުގެ މައްޗަށް ކޮށްފައި ވަނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ހުށަހެޅި 55 ރަށުގެ ތެރެއިން 25 ރަށުގެ މައްސަލައިގަ އެވެ. ޒިޔަތުގެ މައްޗަށް އެ 25 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 25 ދައުވާއެއް އުފުލާފައެވެ.