އިރާންގެ ނިއުކްލިއަރ ޕްރޮގްރާމްގެ ދަށުން 20 ޕަސެންޓަށް ޔޫރޭނިއަމް ފައްކާ ކޮށްލުމަށް ބޭނުން ވަނީ އެންމެ ފަސް ދުވަސް ކަމަށް އެ ގައުމުގެ އެޓޮމިކް ޗީފް އިންޒާރު ދެއްވައިފިއެވެ.
އެ މިންވަރަކީ ނިއުކްލިއަރ ހަތިޔާރެއް އުފެއްދުމަށް ބޭނުން ކުރެވިދާނެ މިންވަރެކެވެ.
އީރާނުގެ ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަލީ އަކްބަރު ސާލިހީ މިހެން ވިދާޅުވެފައި މިވަނީ 2015 ވަނަ އަހަރު އީރާނުން ވީ ތާރީޚީ ނިއުކްލިއަރ އެއްބަސްވުން އުވާލުމަށް ނުވަތަ އެ އެއްބަސްވުމާމެދު އަލުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އިންޒާރު ދެއްވާފައި ވަނިކޮށެވެ.
ރޫހާނީގެ އެއް ނައިބް ރައީސްކަމުގައި ވެސް ހުންނެވި ސާލިހީ އެމެރިކާއަށް ނިސްބަތް ކުރައްވާ ވިދާޅުވީ ގޮންޖަހާލުމަށް ވަކި ޕްލޭނެއް އޮވެއްޖެނަމަ އެ ފަރާތްތައް ހައިރާން ކޮށްލަނިވި ކަމެއް ދައްކާލާނެ ކަމަށެވެ.
"އަޅުގަނޑުމެން ވަކި އަޒުމެއް ކަނޑައަޅައިފިނަމަ އަޅުގަނޑުމެންގެ އެބަހުރި އެންމެ ފަސް ދުވަސް ތެރޭ 20 ޕަސެންޓާ ހަމައަށް ފައްކާ ކުރުމުގެ ގާބިލްކަން" ސާލިހީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިއުކްލިއަރ އެއްބަސްވުމަށް އާދެވުނީ ފަސޭހައިން ނޫން ކަމަށާއި އެ އެއްބަސްވުން ފަސޭހައިން ދޫކޮށްލެވެން ނެތް ކަމަށެވެ. އަދި އެ ގައުމުން އޮތީ އެ އެއްބަސްވުމަށް އިޚްލާސްތެރިކަމާއެކު ކަމަށެވެ.
އީރާނާއެކު ދުނިޔޭގެ ބާރުތަކުން ނިއުކްލިއަރ މައްސަލައިގައި އެއްބަސްވުމަކަށް އައިސްފައި ވަނީ 2015 ވަަނަ އަހަރުއެވެ.