ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮނޑި ފޭރިގަނެގެން ހުންނެވި އަބްދުﷲ މަސީޙް މުހައްމަދުގެ ދިފާއުގައި ނިކުތީ ދިހަ މެމްބަރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ފަހު، މަޙްލޫފު ވިދާޅުވީ މިއަދު ސަރުކާރު މެމްބަރުން އެކަނި ބައިވެރިވެގެން ނެގި ވޯޓުން ވެސް ސަރުކާރަށް އޮތް ތާއީދު ވަރަށް ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ސާފުވާނެ ކަމަށާއި ކުރިން ބިޔަ ބޮޑު މެޖޯރިޓީ އޮތް ޕީޕީއެމް އިން ވެސް މަސީހު ހިމާޔަތުގައި ނިކުތީ މަދު މެމްބަރުން ކޮޅެއް ކަމަށެވެ.
އެކަމުން ވެސް ދޭހަވަނީ މަޖިލީހުގައި ކަންތައް ކުރިއަށްދާ ގޮތުން ހަޤީޤަތުގައި ވެސް މެމްބަރުން ތިބީ ފޫހިވެ، މާޔޫސްވެފައި ކަމަށެވެ.
45 މެމްބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުން އެކަމާއި ލަދު ގަންނަން ޖެހޭ ކަމަށާއި މަޤާމުން އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަންނަވަން ޖެހޭ ކަމަށް ވެސް މަހްލޫފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަޖިލީހުގެ ވޯޓުގައި މިއަދު އިދިކޮޅު ފަރާތްތަކުން ބައިވެރިނުވި ސަބަބަކީ ސަރުކާރަށް އޮތް ތާއީދު ރައްޔިތުންނަށް ސާފު ކޮށްދޭން ކަމަށާއި ސިއްރު ވޯޓެއް ލައިފިނަމަ ނަތީޖާގެ، ބޮޑު ތަފާތަކުން ސަރުކާރަށް އޮތް ތާއީދު އިތުރަށް ގެއްލިގެންދާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަކި ކުރެއްވުމަށް ވޯޓަކާއި ހަމައަށް ދިއުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާއިރު، ރައްޔިތުންގެ މަޖީލިހުގެ މެމްބަރުން ރެޔާއި ދުވާލު މަސައްކަތް ކުރައްވަމުން ގެންދަވަނީ ވޯޓަކާއި ހަމައަށް ދިއުމަށް ކަމަށް މަޙްލޫފު ވިދާޅުވިއެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތް ހުއްޓާ ނުލާ ކުރިއަށްގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުގައި އިދިކޮޅު ފަރާތްތަކުން އަޑުގަދަކޮށް، އިހުތިޖާޖު ކުރަމުން ދަނިކޮށް މިއަދު ވަނީ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ގެންގޮސް، ލަންކާ ސަފީރު ކަމަށް މުހައްމަދު ހުސެން ޝަރީފް (މުންދު) އައްޔަން ކުރަން ވޯޓު ނަގާފައެވެ.
ސަރުކާރާއި އެއްކޮޅަށް 28 މެންބަރުން ވޯޓް ދެއްވިއިރު، މީގެ ކުރިން މަޖިލީހުގައި ނަގާ ވޯޓުތަކުގައި ޕީޕީއެމް އެމްޑީއޭ ކޯލިޝަންއިން ވޯޓު ދޭ މެންބަރުންގެ އަދަދު 40 އަށް ވުރެ އިތުރުވެގެންދެއެވެ.
މަޖިލީހުގެ އިދިކޮޅު މެންބަރުން ވިދާޅުވާ ގޮތުގައި އެ މެންބަރުން ވޯޓުގައި ބައިވެރިނުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އިންނަވައިގެން ކުރިޔަށް ދާ ޖަލްސާތައް ސައްހަ ކަމަކަށް ގަބޫލު ނުކުރާތީ ކަމަށެވެ.