ސައުދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖޭން ހައްޖަށްދާ ފަރާތްތަކާއި މާލޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފަރާތުން ބައްދަލުކޮށް ހަދިޔާ ދީފި ކަމަށް ސައުދީ ޕްރެސް އޭޖެންސީން ހާމަކޮށްފިއެވެ.
ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ހައްޖުވުމަށް ރާއްޖެއަށް ދޭ ފުރުސަތުތަކަށް ހަމަޖެއްސީ ކޮން ބައެއްކަން އަދި މީހުން ހޮވަނީ ކިހިނެއްކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
ސައުދީ އެމްބަސީގައި އޮތް ބައްދަލުކޮށްލުމުގައި ހައްޖުގެ އަޅުކަމުގެ ހަވާސާގައި މި ފަރާތްތަކަށް ޚާއްސަ ޕްރޮގްރާމެއް އެކުލަވާލެވިފައިވާ ކަމަށް ހާމަ ކޮށްފައިވެއެވެ. އަދި މި ގޮތުން އެކުލަވާލެވިފައިވާ ޕްރޮގްރާމްގެ މައުލޫމާތުވެސް ވަނީ ދީފައެވެ.
ރާއްޖޭން ސައުދީ ރަސްގެފާނުގެ ޚަރަދުގައި ހައްޖަށްދާ މީހުން މި ބައްދަލުވުމުގައި ވަނީ ސައުދީ ރަސްގެފާނަށް ޝުކުރު އަދާކޮށް އަދި ސައުދީ އަރަބިއްޔާއަށް ކާމިޔާބަށް އެދޭ ކަން ހާމަކޮށްފައެވެ.