ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހެޅުނު އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މަޖިލީހުގެ މެމްބަރުްންނަށް ރިޝްވަތު ދިނުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށް ފަހުން ކްރިމިނަލް ކޯޓުން ދޫކޮށްލި އަހުމަދު ޝާފިއު ބަންދުކުރަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން ހުކުމް ކޮށްފިއެވެ.
ޝާފިއު ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ހައި ކޯޓުން ހުކުމް ކޮށްފައި މިވަނީ ޝާފިއު ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުންކުރި ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ.
ޝާފިއުގެ މައްސަލާގައި ދައުލަތުން ހުށަހެޅި އިސްތިއުނާފްގެ މައްސަލަ ބަލާ ހައިކޯޓުން ބުދަ ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ހެއްކާއި ގަރީނާ އަށް ބަލާއިރު ޝާފިއު ބަންދުކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެން ކަމުން ކްރިމިނަލް ކޯޓުން ޝާފިއު ބަންދުން ދޫކޮށްލުމަށް ކޮށްފައިވާ ހުކުމަށް ބަދަލެއް ގެންނަން ޖެހޭ ފަދަ ތަނެއް ނެތް ކަމަށް ހައި ކޯޓުން ކުރި ހުކުމުގައި ވަނީ ބުނެފައެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ޝާފިއު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ދައުލަތުން ދަށު ކޯޓުގައި އެދިފައިވާއިރު ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ ދަށުން މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރެވޭނީ އެ ގާނޫނުގައި ބުނާ ސަބަބަކުން ކުރެ ސަބަބެއް އޮތުމާއެކު އެ މީހެއްްގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރުގެ ހެކި ހުރެގެން ކަމަށެވެ. ނަމަވެސް ޝާފިއުއާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ އޭނާގެ މައްޗަށް ރިޝްވަތުގެ ތުހުމަތެއް އުފެދޭ މިންވަރުގެ ހެކިތަކެއް ނޫން ކަމަށް އެ ހުކުމުގައިވެ އެވެ.
ޝާފިއު ބަންދުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލާފައި ވަނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހުއެވެ.