ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ދެ ފުލުހަކު ހައްޔަރުކޮށްފި އެވެ.
ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ފުލުހުންގެ މެއިންޓެނެންސް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ފުލުހަކާއި، ފުލުހުންގެ ލީގަލް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ ފުލުހެކެވެ.
އެ ދެ ފުލުހުން ހައްޔަރުކޮށްފައިވަނީ ރައީސް ޔާމީން އަވަހާރަކޮށްލުމަށް ރޭވި ކަމާއި، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެ އެވެ.
މި މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރުކޮށް ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ބަންދަށް ވަނީ 15 ދުވަސް ޖަހައިދީފަ އެވެ. ދެ ފުލުހުން ވެސް ބަންދުކޮށްފައިވަނީ ދޫނިދޫގަ އެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބަހެއް ހޯދުމަށް ތިން ދުވަސް ވަންދެން ރާއްޖެއެމްވީ އިން ވާނީ މަސައްކަތް ކޮށްފަ އެވެ. ކޮންމެ ދުވަހަކު ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވެފައިވަނީ "ބަލަނީ، ބަލަނީ" ކަމަށެވެ. އެއަށްފަހު ބުދަ ދުވަހު ވިދާޅުވީ "ތިކަމާ ގުޅޭ ގޮތުން ކޮމެންޓެއް ކުރެވެން ނެތް" ކަމަށެވެ.
ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ދެ ފުލުހުން ހައްޔަރުކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮވައި ހިނގި ހާދިސާއާ ގުޅިގެން ސިފައިންގެ މާލޭ އޭރިޔާގެ އެއިރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކު ޖަލަށް ލުމަށް ހުކުމް ކުރި އެވެ. މީގެ އިތުރުން، އެ މައްސަލައިން ހާމަވި ގޮތުގައި ލޯންޗުކޮޅުގައި ގޮއްވާލި ބޮމަކީ ސިފައިންގެ މީހަކު ތައްޔާރުކުރި އެއްޗެކެވެ.
އޭގެ ފަހުން، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޔާމީން އަވަހާރަކޮށްލަން ރާއްޖެއިން ބޭރުން ސްނައިޕަރެއް ގެނައި ކަމަށް ބުނެ، ބަޔަކު ހައްޔަރުކޮށް މިހާރު ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.
މީގެ އިތުރުން، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގެ ކައިރީގައި ބޮމެއް ބާއްވައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ބަޔަކު ވަނީ ޖަލަށް ލާފަ އެވެ. މުލީއާގެ ކައިރިން އެ ބޮން ނަގައިގެން "ޑިފިއުޒް" ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމަށް ގެންގޮސްގެންނެވެ.