ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި، އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ހަނީފްގެ މައްޗަށް އުފުލާފައިވަ ދައުވާގެ އަޑުއެހުން ކެންސަލް ކޮށްފި އެވެ.
ފަނޑިޔާރު ޝުޖާއު އަވަހާރަ ކޮށްލަން ރޭވި ކަމަށް ބުނާ މައްސަލައާ ގުޅިގެން ސައުދުއާއި ހަނީފްގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. ސައުދުއާއި ހަނީފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ.
އެ ދައުވާގެ އިބްތިދާއީ އަޑުއެހުން ފެށުމަށް ބުދަ ދުވަހުގެ ހެނދުނު 11:30 އަށް ކޯޓުގައި ތާވަލުކުރި ނަމަވެސް، ސައުދުއާ ޗިޓް ހަވާލުނުކުރެވުނު ކަމަށް ބުނެ އަޑުއެހުން ވަނީ ކެންސަލް ކޮށްފަ އެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކޮށްފައިވާ އެ ދައުވާ ސާބިތު ވެއްޖެނަމަ ސައުދުއާއި ހަނީފްގެ މައްޗަށް 17 އަހަރާއި 20 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ދައުވާގެ އިބްތިދާއީ އަޑުއެހުން ބޭއްވުމުގެ ކުރިން މައްސަލައިގެ ލިޔެކިޔުންތައް ހަވާލު ކުރަންޖެހެ އެވެ. އެގޮތުގެ މަތިން މިމަހުގެ 6 ވަނަ ދުވަހު ސައުދުއާއި ހަނީފް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް މައްސަލައިގެ ލިޔުންތައް ވަނީ ހަވާލު ކޮށްފަ އެވެ.
ގްރޫޕެއް ފޮނުވައިގެން ފަނޑިޔާރު ޝުޖާއު "އަވަހާރަކޮށްލަން" އުޅުނު ކަމުގެ ތުހުމަތުގައި ޖޫން މަހުން ފެށިގެން ދެ ފަހަރެއްގެ މަތިން ސައުދު ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފައިވެއެވެ. އެ މައްސަލައިގައި ސައުދުއާ ސުވާލު ކުރިއިރު، އެ މައްސަލައާ ގުޅިގެން ހަނީފް ހައްޔަރު ކޮށްފައި ގިނަ ދުވަސްތަކެއް ވަންދެން ބެހެއްޓި އެވެ.
ފަނޑިޔާރު ޝުޖާއުއާއި, ހަނީފްގެ އިތުރުން ސައުދުއަކީ ގއ. ވިލިނގިއްޔަށް ނިސްބަތްވާ ތިން ބޭފުޅުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހެއްކެއްގެ ގޮތުގައި ހަނީފާއި ސައުދާ ދެކޮޅަށް ފުލުހުން ބޭނުން ކުރަމުންދަނީ އައްޑޫ ބަހުން ދެމީހަކު ވާހަކަ ދައްކާ އޯޑިއޯއަކާއި، ސަރުކާރުގެ ކޯޑިނޭޓަރަކު ދީފައިވާ ބަޔާނެކެވެ.
ސައުދުގެ މައްޗަށް ދައުވާ އުފުލިއިރު، އޭނާ ހުންނެވީ ފުލުހުންގެ ބަންދުގަ އެވެ. އޭނާ ބަންދު ކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވަނިކޮށް، ފުލުހުންގެ ސަފުތައް ފަޅާލައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެފައިވާ ކަމުގެ ތުހުމަތުގަ އެވެ. ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، ހުކުމް ލަސްވާތީ ސައުދުއާއި އިދިކޮޅު ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
ސައުދުގެ މައްޗަށް ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ކޮށްފައިވާއިރު، އެ ދައުވާގެ އިތުރުން، ގާނޫނު ތަންފީޒްކުރާ މުވައްޒަފުންނަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ އާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ. އެ ދައުވާތައް ކޮށްފައިވަނީ މެންބަރެއް ނޫން ކަމަށް ކަނޑައަޅާފައިވަނިކޮށް ޖުލައި 24 ވަނަ ދުވަހު މަޖިލީހަށް ވަން ކަމަށް ބުނާ މައްސަލައިގަ އެވެ.
މަޖިލިހަށް ވަން މައްސަލައާ ގުޅިގެން ޖުލައި 27 ވަނަ ދުވަހު ސައުދު ހައްޔަރުކުރުމަށްފަހު، ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.