މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ދޭ މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ފުރުސަތަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަން އިން ބުދަ ދުވަހު ނެރުނު އިއުލާނުގައި ވާ ގޮތުން ލޯނު އެހީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 24 ސެޕްޓެމްބަރުން ފެށިގެން 5 އޮކްޓޯބަރާ ހަމައަށެވެ. އެ އިއުލާނުގައި ވާގޮތުން މިއަހަރު ދޫކުރުމަށް ހަމަޖެހިފައި ވަނީ 1,000 ލޯނުގެ ފުރުސަތެވެ.
ލޯނަށް އެދި ހުށަހަޅަން ޖެހޭ ފޯމު ޑިޕާޓްމެންޓް އޮފް ހަޔާ އެޑިއުކޭޝަންގެ ކައުންޓަރުން އަދި އެ އިދާރާގެ ވެބްސައިޓުން ވެސް ލިބޭނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ލޯނަށް ހުށަހެޅޭނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތުދެއެވެ.
ލޯނަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައިވުމާއި އުމުރުން 18 އަހަރު ފުރިފައިވުމުގެ އިތުރަށް ފުލް ޓައިމް ދަރިވަރެއްގެ ގޮތުގައި ކިޔަވަން ހުށަހެޅުން ހިމެނެއެވެ. އަދި އުމުރުން 18 އަހަރު ނުފުރޭ ދަރިވަރުންގެ ލޯނުގެ ޒިންމާ ނަގަން ޖެހޭނީ ޝަރުއީ ބެލެނިވެރިއެއް ކަމަށްވެސް މި އިއުލާނުގައި ވެއެވެ.
މި ލޯނު އެހީގެ ދަށުން ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ ރާއްޖޭގެ އިތުރުން ސާކްގެ ގައުމްތަކާއި ޗައިނާ، ފިލިޕީންސް، ތައިލެންޑް އަދި މެލޭޝިއާގައެވެ. މީގެ ތެރެއިން ރާއްޖޭގައި ކިޔެވުމަށް ހާއްސަ ކުރެވިފައި ވަނީ 428 ޖާގައެވެ. އަދި ބާކީ 572 ޖާގަ ހާއްސަ ކުރެވިފައި ވަނީ ރާއްޖެއިން ބޭރުން ކިޔެވުމުގެ ފުރުސަތުތަކަށެވެ.
މި އިއުލާނާ އެކު އެ އިދާރާއިން ވަނީ ލޯނު އެހީއަށް ދަރިވަރުން ހޮވުމުގައި އަމަލުކުރާނެ އުސޫލާއި އުސޫލްތަކުގެ ޖަދުވަލުތަށް އާންމުކޮށްފައެވެ.