ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ މައްޗަށް ދައުލަތުން ދައުވާކުރާ ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާގައި ހެކިބަހާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ ޝަރީއަތުގެ އަޑުއެހުން ސިއްރު ކޮށްފިއެވެ.
ގާސިމް އިބްރާހީމްގެ ޝަރީޢަތް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައި ވަނީ މިއަދު 11:00 އަށެވެ. އަދި ގާސިމް ގެ ޝަިރީޢަތް ސިއްރު ކުރި ސަބަބެއް ކޯޓުގެ އޮފިޝަލް މިއަދު ވިދާޅެއް ނުވެއެވެ. ނަމަވެސް ކުރިން އަޑުއެހުން ސިއްރުކޮށްފައި ވަނީ ޝަރީއަތްތައް ސިއްރުކުރަނީ ފަނޑިޔާރުންނަށާއި ކޯޓުގެ މުވައްޒަފުންނަށް އިންޒާރު ދެމުން ދާތީ ކަމަށް ކޯޓުގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
ގާސިމްގެ މައްޗަށް ދައުވާ ކުރަނީ، ގާނޫނު ނަމްބަރު 2014/09 "ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތު"ގެ 510 ވަނަ މާއްދާގެ (ށ)އާ ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ތުޙުމަތުގައެެވެ.
ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ށ)ގެ ދަށުން ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އުފުލާފައި ވާއިރު، އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ދުވަހުގެ ޖަލު ޙުކުމެކެވެ.
ގާސިމްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ އޭނާ ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރަން ޖެހިއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.