ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 11:58
މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ
މަޖިލީހުގެ ޖަލްސާ ކުރިއަށްދަނީ
ރާއްޖެ އެމްވީ
މަޖިލީހުގެ ޖަލްސާ
މަޖިލީހުގައި ސަރުކާރަށް އެންމެ 28 ވޯޓް!
މަޖިލީހުގެ މެންބަރުންނަށް ތާއީދު ނެތްކަން ހާމަވެއްޖެ- އިދިކޮޅު ފަރާތްތައް
28 މެންބަރުންގެ ވޯޓު ލިބުމަކީ ކާމިޔާބީއެއް:ސަރުކާރެއް
ދެ ވޯޓެއް މަޖިލީހުގައި ނަގާފައިވޭ

ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓްގައި ސަރުކާރަށް ލިބިގެންދިޔައީ 28 ވޯޓަށް ވުމުން، ސަރުކާރަށް އޮތް ސުޕަ މެޖޯރިޓީ ކުޑަވެގެން ގޮސްފައިވާ މިންވަރު ހާމަވެއްޖެ ކަމަށް ވިދާޅުވެ އިދިކޮޅު މެންބަރުން ޝުއޫރުފާޅުކޮށްފި އެވެ.

މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެންބަރުން ހަޅޭއްލަވާ އަޑުގަދަކޮށް، ނުރުހުން ފާޅުކުރަމުންދަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވަނީ ދެ ވޯޓެއް ނަގައިފަ އެވެ. ސްރީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސައިން ޝަރީފު (މުންދު) އައްޔަން ކުރަން ފެންނަ ކަމަށް ނެގި ވޯޓު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ އިއްތިފާގުންނެވެ. އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ފާސްކުރީ 27 މެމްބަރުންގެ އިއްތިފާގުންނެވެ.

އިދިކޮޅު މެމްބަރުން މި ވޯޓްގައި ބައިވެރިއެއް ނުވެ އެވެ. އިދިކޮޅު މެމްބަރުން ވިދާޅުވަނީ މިއަދުގެ ޖަލްސާއަކީ ވެސް ސައްހަ ޖަލްސާއެއް ނޫން ކަމަށާއި، އިތުބާރު ނެތް ބޭފުޅެއް ރިޔާސަތުގައި އިންނަވައިގެން ބާއްވާ ޖަލްސާއެއް ސައްހަ ނުވާނެ ކަމަށެވެ.

މަޖިލީހުގައި މިއަދުގެ ނެގި ވޯޓުގައި ސަރުކާރަށް އެންމެ 28 ވޯޓު ލިބިގެންދިއުމާއެކު، އިދިކޮޅު މެންބަރުން ވަނީ ސަރުކާރު މެމްބަރުންނަށް މަޖިލީހުގެ މާލަމުގައި މަލާމަތްކޮށް، ތާއިދު ނެތް ކަމަށް ބުނެފަ އެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު ސަރުކާރަށް ގެއްލިގެން ގޮސްފައިވާކަން ގަބޫލުނުކުރައްވައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނު ވިދާޅުވީ މަދު މެމްބަރުންތަކެއް ވޯޓްގައި ބައިވެރިވެވަޑައި ނުގަތީ މިއަދު ވޯޓްލުން ބާއްވާކަން ދުރާލާ އެނގިވަޑައިގެންފައި ނެތުމުންނެވެ.

އިދިކޮޅު މެންބަރުން ސަރުކާރުގެ ތާއީދު ނެތްކަމަށް ވިދާޅުވަމުންދާ އިރު ސަރުކާރަށް ނިސްބަތްވާ މެންބަރުން ވަނީ މަޖިލީހުގައި މިއަދުވެސް ވަޑައިގެންނެވި މެންބަރުންގެ ތެރެއިން އެންމެ ގިނަ މެންބަރުން ތިބީ، ސަރުކާރާ އެކު ކަމަށް ވިދާޅުވެ، 28 މެންބަރުންގެ ތާއީދު ލިބުމަކީވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަން ފާހަގަކޮށްފަ އެވެ.

މަޖިލީހުގެ މެންބަރުންގެ ތެރެއިން މިއަދު ނެގި ވޯޓުގައި ވޯޓުލާފައިވަނީ:

  1.  އަބްދުލް ރަހީމް އަބްދުﷲ
  2. އަބްދުﷲ ރިފާއު
  3. އަބްދުﷲ ޔާމީން
  4. އަހުމަދު އާމިރު
  5. އަހުމަދު ނިހާން ހުސައިން މަނިކު
  6. އަހުމަދު ރަޝީދު
  7. އަހުމަދު ރަޝީދު އިބްރާހިމް
  8. އަހުމަދު ޝިޔާމް
  9. އަލީ އާރިފު
  10. އަލީ މައުރޫފު
  11. އަލީ މުހައްމަދު
  12. އަސްމާ ރަޝީދު
  13. ހަސަން މުފީދު އަބްދުލް ގަނީ
  14. ހުސައިން މަނިކު ދޮން މަނިކު
  15. ހުސައިން މުހައްމަދު ލަތީފު
  16. އިބްރާހިމް ދީދީ
  17. އިބްރާހިމް ފަލާހު
  18. އިބްރާހިމް ރިޒާ
  19. އިބްރާިމް ސުޖާއު
  20. ޖަމީލް އުސްމާނު
  21. ޖައުފަރު ދާއޫދު
  22. މުހައްމަދު އަލީ
  23. މުހައްމަދު ހުސައިން
  24. މުހައްމަދު އިސްމާއިލް
  25. މޫސާ މަނިކު
  26. މުއާޒް މުހައްމަދު ރަޝީދު
  27. ރިޔާޒް ރަޝީދު
  28. އުމަރު ހުސައިން

މި މެންބަރުންގެ ތެރެއިން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ)ގައި ރާއްޖެއިން ބައިވެރިވުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިނުވަނީ އަހުމަދު ރަޝީދު އިބްރާހިމް އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް