ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ފެށުމުގެ ކުރިން ސިފައިންގެ ސަފުތައް މަޖިލިސް ތެރޭގައި ރުކުރުވާލައިގެން، ހަޅޭކާއި ޒުވާބުގެ ތެރޭގައި ޖަލްސާ ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.
ޖަލްސާ ފެށުމުގެ ކުރިން، ސަރުކާރު މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ވަނީ ބަދަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް ރައީސް އަބްދުﷲ މަސީހުގެ ދިފާއުގައި ސަރުކާރުގެ 10 ވަރަކަށް މެންބަރުން ވަނީ ނިކުމެފަ އެވެ. ރިޔާސަތުގެ މޭޒުކޮޅު ކުރިމަތީގައި ސިފައިންގެ ސަފެއް އަތުރާލާފައިވާއިރު، ސަރުކާރަށް ތައީދުކުރައްވާ މެންބަރުންގެ ސަފެއް، ސިފައިންގެ ސަފުގެ ކުރިމަތީގައި އަތުރާލި އެވެ.
އިދިކޮޅު މެންބަރުންގެ ހަޅޭކާއި، ހޫނު ޒުވާބުތަކުގެ ތެރޭގައި ނިޒާމު ގެއްލިފައިވަނިކޮށް މަސީހު ވަނީ ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާ ސަފީރު ކަމަށް މުޙައްމަދު ޙުސައިން ޝަރީފް(މުންދު) އައްޔަންކުރެއްވުމުގެ މައްސަލަ ކޮމެޓީން ނިންމި ގޮތުގެ ރިޕޯޓް ހުށަހަޅަން ހުޅުވާލާފަ އެވެ. ގުރައިދޫ ދާއިރާގެ މެންބަރު މެންބަރު އިބްރާހިމް ރިޒާ ރިޕޯޓް "އިއްވަން" ކަމަށް ވިދާޅުވުމާއެކު މަސީހު ވަނީ ބަހުސް އަށް ހުޅުވާލާފަ އެވެ. ނަމަވެސް ބަހުސްގައި ބައިވެރިވެވަޑައިގަންނަވާނެ މެންބަރެއް ނެތް ކަމަށް ވިދާޅުވެ އެ މަރުހަލާ ނިންމަވާލެއްވި އެވެ.
އެއަށްފަހު އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން(އަޔޯރ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ދިރާސާކުރައްވައި ކޮމެޓީން ނިންމެވި ގޮތް ރިޒާ އިއްވެވުމާއެކު ބަހުސް އަށް މަސީހު ހުޅުވާލެއްވި އެވެ. ބަހުސްގައި، ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން "ދެތިން ބަހެއް" ވިދާޅުވުމާއެކު، ބަހުސްގެ މަރުހަލާ ނިންމަވާލެއްވި އެވެ.
ބަހުސްގެ މަރުހަލާ ނިންމަވާލެއްވުމަށްފަހު މަސީހު ވަނީ ވަގުތުން އެ ދެ މައްސަލައިގައި ވޯޓަށް ހުޅުވާލާފަ އެވެ. އާންމު އުސޫލެއްގެ ދަށުން މަޖިލީހުގަައި ވޯޓް ނަގަނީ މެންދުރު 1:30 ގަ އެވެ.
ލަންކާ ސަފީރުކަމަށް މުންދު އައްޔަން ކުރެއްވުމަށް ލިބުނީ 28 ވޯޓެވެ. މިއީ ސަރުކާރުން ހުށަހެޅި ކަމަކަށް މިހާ މަދު އަދަދެއްގެ ވޯޓް ލިބުނު ފުރަތަމަ ފަހަރެވެ. އެ ވޯޓުގައި އިދިކޮޅު އެއްވެސް މެންބަރަކު ބައިވެރިވެވަޑައިނުގަންނަވަ އެވެ.
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން(އަޔޯރ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ލިބުނީ 27 ވޯޓެވެ.
ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ 48 މެންބަރުން ތިއްބެވި ނަމަވެސް، 14 މެންބަރަކު އެ ޕާޓީން ވަކިވެވަޑައިގަތުމާއި، އިތުރު މެންބަރަކު ގުޅިވަޑައިގަތުމުން މިހާރު އެ ޕާޓީގައި ތިއްބަވަނީ މަޖިލީހުގެ 35 މެންބަރުންނެވެ. ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެމްޑީއޭގައި މިހާރު ތިއްބަވަނީ ފަސް މެންބަރުންނެވެ. ޖުމްލަ 85 މެންބަރުން މަޖިލީހުގައި ތިއްބަވާއިރު، ސަރުކާރު ކޯލިޝަނުގައި މިހާރު ހިމެނެނީ 40 މެންބަރުންނެވެ.